Advertisement

މީޑިއާ ކޮންޓްރޯލު ގާނޫނު އުވާލަން އދ. އިން ގޮވާލާފައި ވަނިކޮށް ސަރުކާރުން ބުނީ އިންސާނީ ހައްގުތައް ޗެމްޕިއަން ކޮށްފައިވާ ކަމަށް

28 ސެޕްޓެންބަރު 2025 - 10:41 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު ހަލީލު އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ތަގުރީރުކުރައްވަނީ: އޭނާ ވިދާޅުވީ ރާއްޖެއިން ކުރަނީ އިންސާނީ ހައްގުތައް ޗެމްޕިއަން ކޮށްފައިވާ ކަމަށް ---- ފޮޓޯ: ފޮރިން މިނިސްޓްރީ


މީޑިއާ ކޮންޓްރޯލު ގާނޫނު އުވާލަން އދ. އިން ގޮވާލާފައި ވަނިކޮށް ސަރުކާރުން ބުނީ އިންސާނީ ހައްގުތައް ޗެމްޕިއަން ކޮށްފައިވާ ކަމަށް

28 ސެޕްޓެންބަރު 2025 - 10:41 1

ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވާތީ މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން އދ. އިން ގޮވާލާފައިވަނިކޮށް، ރާއްޖެއިން އިންސާނީ ހައްގުތައް ޗެމްޕިއަން ކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ބުނެފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދާ އަހަރީ އާންމު ޖަލްސާގެ އާންމު ބަހުސްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތަގުރީރުކުރެއްވީ ރާއްޖެ ގަޑިން ރޭ ދަންވަރު އެވެ. ދުނިޔޭގެ ކުރިމަތީ ހުންނަވާ ހަލީލު ވިދާޅުވީ އިންސާނީ ހައްގުތަކަކީ ސިޔާސީ އަދި ޑިޕްލޮމެޓިކް ފައިދާ ހޯދަން ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނެ ކަމަށެވެ.

"ރާއްޖެއިން ކުރިއަށްދާނީ އިންސާނީ ހައްގުތަކުގެ މައިގަނޑު އަސާސްތައް ޗެމްޕިއަން ކުރަމުން. މީގެ ތެރޭގައި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ޒުވާނުންގެ އަޑުތައް އިއްވައިދިނުން ހިމެނޭ،" ހަލީލު ވިދާޅުވި އެވެ.

ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓުގައި އިޖްތިމާއީ މިންގަނޑު އަލުން މާނަކުރަން ޖެހޭ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ. އެހެން ވިދާޅުވެ ކޮންމެހެން ހުންނަން ޖެހޭ ހައްގުތަކުގެ ގޮތުގައި ބައެއް ކަންކަން ފާހަގަކުރެއްވި ނަމަވެސް، އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަމެއް ނުހިމަނުއްވަ އެވެ.

ސަރުކާރުން އދ. ގައި މިފަދައިން ބުނެފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އދ. ގޮވާލީ ސެޕްޓެމްބަރު 25، ގަ އެވެ.

"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް އެ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނު އަނބުރާ ގެންދިޔުމަށް ފަހު ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް މި ގާނޫނު އުވާލަން ގޮވާލާފަ އެވެ.

ނަމަވެސް، އެ ގާނޫނުގެ ދިފާއުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ބޭރު ގައުމުތަކަށް މުއިއްޒު ސަރުކާރުގެ ވަފުދެއް އަންނަނީ ދަތުރު ކުރަމުންނެވެ. ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ނަގާ ސިޔާސީ މުވައްޒަފުންނަށް ވެސް ވަނި އެ ގާނޫނުގެ ދިފާއުގައި ވާހަކަ ދެއްކުމަށް އަންގާފަ އެވެ.