Advertisement

ވެލެންސިއާ އަތުން ބޮޑު މޮޅެއް ހޯދައި އޮޑި އެއް ވަނަ އަށް

26 ސެޕްޓެންބަރު 2025 - 17:59 0


ވެލެންސިއާ އަތުން ބޮޑު މޮޅެއް ހޯދައި އޮޑި އެއް ވަނަ އަށް

26 ސެޕްޓެންބަރު 2025 - 17:59 0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ވެލެންސިއާ އަތުން 7-1 އިން ބޮޑު މޮޅެއް ހޯދައި އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މިއަދު ކުޅުނު މެޗަށް ފަހު، ކޮންމެ ޓީމެއް މި ވަނީ ދެ މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް އޮޑި އާއި ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ހަ ވަަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސް އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 30 މިނިޓް ތެރޭ އޮޑިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ޓީމުން ލީޑުނެގީ 10 ވަނަ މިނިޓްގައި ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ މޮލްޑޯވާ ކީޕަރު ވިއޮރެލް ބޮއިއާން އަތުގައި ޖެހިފައި ބޯޅަ ވެއްޓުނީ ގޯލު ތެރެއަށެވެ. އޭގެ ދެ މިނިޓް ފަހުން، ވެލެންސިއާ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި، ވެލެންސިއާގެ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، އޮޑީގެ ތިން ވަނަ ލަނޑު ޖެހީ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ވެލެންސިއާގެ ކުޅުންތެރިއަކު އަނިޔާވެގެން ވެއްޓިފައި އޮތް ވަގުތެއްގައި އިއްބެ އެ ގޯލު ޖެހުމުން، ރެފްރީ ގާތުގައި ވެލެންސިއާ ކުޅުންތެރިން ޝަކުވާކޮށްފައިވެ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި، އިބްރާހިމް އިމްރާން (އިންމި) އަތުން ހުސްކޮށް ލިބުނު ފުރުސަތެއް ގެއްލުނު ނަމަވެސް، އޭގެ މިނިޓެއް ފަހުން، އޭނާ ވަނީ ގޯލު ޖަހައި، އޮޑި އަށް ހަތަރު ވަނަ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.

ދެ ވަނަ ހާުފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި، ލިބުނު ޕެނަލްޓީ އަކުން އޮޑީގެ ކަރޮލިސް ފޮނުވާލި ބޯޅަ ކީޕަރު ބޮއިއާން ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން، ކަރޮލިސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، އޮޑީގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، މެޗުގެ 63 ވަނަ މިނިޓްގައި، ކަރޮލިސް ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަަކޮށްފަ އެވެ.

އިތުރު ވަގުތުގައި ވެލެންސިއާގެ ހަމައެކަނި ގޯލު ޖެހީ އޮޑީގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، އަބްދުލް ސަމީއު ހަސަން އެވެ. އޭނާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން، މުޒްދާން ހަސަން ވަނީ އޭރިއާ ރޮނގުކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އޮޑީގެ ހަތް ވަަނަ ލަނޑު ޖަހައިފަ އެވެ.