Advertisement

ފެނަކަ ކޮރަޕްޝަން: ގަވާއިދާ ހިލާފަށް ސައީދުގެ އާއިލީ ކުންފުނިތަކާއެކު 92 އެއްބަސްވުމެއް ހަދައި، 31 މިލިއަން ރުފިޔާ ދޫކުރި!

26 ސެޕްޓެންބަރު 2025 - 15:46 5

އަހުމަދު އާއިދު

އަހުމަދު އާއިދު

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު: އޭނާ ކުންފުނި ހިންގިއިރުގެ އޮޑިޓު ރިޕޯޓުން ބިލިއަނުގެ ހިޔާނާތް ހާމަވި --- ފޮޓޯ: އަދަދު


ފެނަކަ ކޮރަޕްޝަން: ގަވާއިދާ ހިލާފަށް ސައީދުގެ އާއިލީ ކުންފުނިތަކާއެކު 92 އެއްބަސްވުމެއް ހަދައި، 31 މިލިއަން ރުފިޔާ ދޫކުރި!

26 ސެޕްޓެންބަރު 2025 - 15:46 5

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިޔާ އަހުމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އޭނާއާ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފައިވާ ކަމަށް ރޭ ދަންވަރު އާންމުކުރި ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓަކުން ދައްކައިފި އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މި ކުންފުނިތަކާއެކު އެއްބަސްވުންތައް ހެދީ 2021 އާއި 2023 އާއި ދެމެދު ކަމަށެވެ. މި އެއްބަސްވުންތައް މިހާތަނަށް ބާތިލުކޮށްފައިވާކަން ރިޕޯޓުގައި ބުނެފައިނުވާއިރު މިދިޔަ އަހަރުގެ ނިޔަލަށް ވެސް އެ ކުންފުނިތަކަށް ފެނަކައިން މިލިއަނުން ފައިސާ ދޫކޮށްފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ ސައީދުގެ ދެ ޅިޔަނުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކާއި ސައީދުގެ ޅިޔަނެއްގެ ދަރީގެ ނަމުގައި ހަދާފައިވާ ކުންފުންޏެކެވެ. މި ތިން ކުންފުންޏާއެކު ފެނަކައިން ޖުމްލަ 92 އެއްބަސްވުމެއް ހަދާފައިވެ އެވެ.

މި އެއްބަސްވުންތަކުގެ ޖުމްލަ އަގު 49.8 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ތިން ކުންފުންޏަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 31,124,418ރ. އެވެ.

ސައީދުގެ އާއިލީ ކުންފުނިތައް އަދި އެއްބަސްވުންތަކުގެ ތަފުސީލު

ޝެލްޓާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު

މި ކުންފުންޏާއެކު ފެނަކައިން 84 އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުންތަކުގެ ދަށުން މިދިޔަ އަހަރުގެ ނިޔަލަށް 16.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މި ކުންފުންޏާ މައިގަނޑު ގޮތެއްގައި ހަވާލުކޮށްފައިވަނީ އެކި ރަށްރަށުގައި ފެނަކައިން އިމާރާތްކުރާ އިންޖީނުގެތަކާއި އޮފީސްތަކަށް ބޭނުންވާ އެލުމިނިއަމް ދޮރު ޖެހުމުގެ މަސައްކަތެވެ.

ޕަވަޕޭ އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑް

ފެނަކައިން ޕަވަޕޭ އާއެކު ހަދާފައިވަނީ ހަ އެއްބަސްވުމެކެވެ. އޭގެތެރޭގައި ހިމެނެނީ އޮފީސް އިމާރާތަކާއި އިންޖީނުގެއެއް އެޅުމުގެ އިތުރުން ތިން ރަށެއްގެ އިންޖީނުގެއަށް ބޭނުންވާ ފިއުލް ޓޭންކު ހެދުމުގެ މަސައްކަތާއި ދެ ޓްރާންސްފޯމަރު ހަޓު އެޅުމުގެ މަސައްކަތެވެ.

މި އެއްބަސްވުންތަކުގެ ދަށުން މިދިޔަ އަހަރުގެ ނިޔަލަށް ފެނަކައިން ޕަވަޕޭ ކުންފުންޏަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކޮރަލް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް

ކޮރަލް ކުންފުންޏާއެކު ފެނަކައިން ހެދީ ދެ އެއްބަސްވުމެކެވެ. އެއީ އޮފީސް އިމާރާތަކާއި އިންޖީނުގެއެއް އެޅުމުގެ މަަސައްކަތެވެ. މި ދެ މަޝްރޫއުގެ އަގު 11.7 މިލިއަނަށް އަރާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ފެނަކައިން އެ ކުންފުންޏަށް ވެސް 4.5 މިލިއަން ރުފިޔާ ދޫކުރި އެވެ.

އޮޑިޓު އޮފީހުން ނެރުނު ރިޕޯޓުގައި، ފެނަކައިގައި ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި މި ތިން ކުންފުންޏާއެކު އެއްބަސްވުންތައް ހެދީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ފާހަގަކޮށްފައިވެ އެވެ.

މި މަޝްރޫއުތަކުގެ އަދާހަމައެއް ރިޕޯޓުގައި ހިމަނާފައި ނެތް ނަމަވެސް، 2021 އިން 2023 އަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި އައު އިންޖީނުގެ އެޅުމާއި އޮފީސް އެޅުމަށް ސޮއިކުރި 57 އެއްބަސްވުމުގެ ތެރެއިން 41 ތަނެއް އަދިވެސް ނުނިމޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ފެނަކައިގެ ހިޔާނާތްތަކުގެ ތެރެއިން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ އުފުލަން މިހާރު ވަނީ ފޮނުވާފަ އެވެ. ދައުވާ ކުރަން ފޮނުވީ އޭސީސީގެ ތަހުގީގަކަށްފަހު އެވެ.

އޭސީސީން އޭރު ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ހިމެނޭ ކަމަށެވެ. އެ މައްސަލަތަކުގައި ސައީދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.