Advertisement

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެވޭ ގޮތަށް ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަނަށް ލުއިދީފި

26 ސެޕްޓެންބަރު 2025 - 13:35 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅެވޭ ގޮތަށް ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަނަށް ލުއިދީފި

26 ސެޕްޓެންބަރު 2025 - 13:35 0

ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ލުއިތަކެއް ދޭން ނިންމައިފި އެވެ.

ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ.

އެ ގޮތުން، ބީޑަބްލިއުއެފް އިން ރާއްޖޭގެ އެސޯސިއޭޝަން، ބީއޭއެމް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަށައި، ރާއްޖޭގެ ކުޅުންތެރިން، ޖޫން މަހު އޮތް ޔޫރަޕްގެ ދެ މުބާރާތަކުން ބާކީކުރި އެވެ. އޭގެ ފަހުން، ރާއްޖޭގެ ކުުޅުންތެރިންނަށް ބީޑަބްލިއުއެފް އިން ރުހުންދީފައިވާ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.

ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އާ އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، ނޮވެމްބަރު މަހަށް އިންތިހާބު ވަނީ ތާވަލުކޮށްފަ އެވެ. އެ ގޮތަށް ނިންމީ، ބީޑަބްލިއުއެފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ބީއޭއެމްގެ އެންމެ ފަހުން އޮތް ލީޑަޝިޕްގެ މެމްބަރަކު ހިމެނޭ ގޮތަށް ހަދާފައި އޮތް ވޯކިން ގްރޫޕުންނެވެ.

ވޯކިން ގްރޫޕުން ވަނީ، އަންނަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭ އާންމު ޖަލްސާއެއް ބާއްވައި، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ފާސްކުރަން ވެސް ނިންމައިފަ އެވެ.

ރާއްޖޭގެ ބެޑްމިންޓަންގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން، އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އައި އެއް ކަމަކީ، ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ލިބޭ ގޮތް އަވަހަށް ހޯދައިދިނުމެވެ.

އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ބީއޭއެމްގެ ވޯކިން ގްރޫޕުން ކުރި މަސައްކަތާ އެކު، ބީޑަބްލިއުއެފް އިން ވަނީ ސަސްޕެންޝަންގައި އޮތް ކަމުގައި ވިޔަސް، ރާއްޖޭގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބީއޭއެމްގެ އިންތިހާބުގެ ކަންކަން މިހާރު ރޭވިފައި އޮތް ތާވަލާ އެއްގޮތަށް ދާނެ ކަމުގެ އިތުބާރު އޮތުމާ އެކު، މި ކަންކަމަށް ބެލުމަށް ކުރިއަށް އޮތް ތިން މަހަށް ވަނީ، ބޭރުގެ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް ދޭން ނިންމައިފަ އެވެ.

އަދި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގޮސް، ބީއޭއެމްގެ އިންތިހާބު، ނޮވެމްބަރު މަހު ބޭއްވުމާ އެކު، ރާއްޖޭގެ ސަސްޕެންޝަން ނަގާނެ އެވެ.

ބީޑަބްލިއުއެފްގެ ސަސްޕެންޝަނުގެ މި މުއްދަތުގައި ރާއްޖޭގެ ކުޅުންތެރިންނަށް، ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ނުކުޅެވި، ރޭންކިންގައި ބޮޑު ވެއްޓުމަކާ މިހާރު ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.