Advertisement

ހައި ކޯޓުގެ ފަނޑިޔާރުކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެންބަރު 2025 - 15:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަންކުރި ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ފަނޑިޔާރުކަމުގެ ހުވާ ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ހައި ކޯޓު


ހައި ކޯޓުގެ ފަނޑިޔާރުކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެންބަރު 2025 - 15:42 0

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކޮށްފި އެވެ.

މިއަދު ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރިކަން ސުޕްރީމް ކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އިއުލާނުކޮށް މަރުހަބާ ކިޔާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާހިރު އައްޔަންކުރަް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިއަދު ހެދުނު ބޭއްވި ބައްދަލުވުމެއްގަ އެވެ. މިގޮތަށް ނިންމީ ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށްވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދަން އަމިއްލައަށް ހުށަހެޅުމުންނެވެ. އެ ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގައި މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނު ކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ ދެ މަގާމަކަށް އައްޔަން ކުރުމުންނެވެ.

ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމުމުން ނަން އަނބުރާ ގެންދިޔަ ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ. ޕީއެންސީގެ ދަފުތަރުގައި މިހާރު ވެސް އޭނާގެ ނަން އޮވެ އެވެ.

ނަން އަނބުރާ ގެންދަން އޭނާ އަމިއްލައަށް ހުށަހެޅުއްވީ އެކަމާ ގުޅިގެން މެދުކެނޑުމެއް ނެތި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް އޭނާ ހަމަޖައްސައިފަ އެވެ.