Advertisement

ރަށް އަތުލާފައި ހަދާ ރިސޯޓުތަކުން ކައުންސިލަށް ފައިދާއެއް ދެވޭތޯ ބަލަމުންދާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

25 ސެޕްޓެންބަރު 2025 - 13:47 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ރަށުން ވަކިކޮށް ހަދާ ރިސޯޓުން ކައުންސިލަށް ފައިދާ ދެވޭތޯ ބަލަމުންދާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި ---- ފޮޓޯ: ރައީސް އޮފީސް


ރަށް އަތުލާފައި ހަދާ ރިސޯޓުތަކުން ކައުންސިލަށް ފައިދާއެއް ދެވޭތޯ ބަލަމުންދާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

25 ސެޕްޓެންބަރު 2025 - 13:47 1

ރަށްރަށުގެ އިހުތިސާސުން ވަކިކުރާ ފަޅުގެ ސަރަހައްދުތަކުގައި ނުވަތަ ފަޅު ރަށްރަށުގައި ތަރައްގީކުރާ ރިސޯޓުތަކުން އެ ރަށެއްގެ ކައުންސިލަށް މާލީ ފައިދާއެއް ވާނެ ގޮތެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ތ. އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ރަށްރަށުގެ އިހުތިސާސުގެ ތެރޭ ޓޫރިސްޓު ރިސޯޓު ހަދަން ހުއްދަ ނުލިބޭ ކަމަށެވެ. ކައުންސިލްތަކުން ރިސޯޓުތައް ހަދަން ބޭނުންވެ، އިންވެސްޓަރުން ހޯދުމުން ފަޅުގެ ބައެއް ނުވަތަ ރަށްރަށް އިހުތިސޯސުން ނަގަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދައިން އިހުތިސާސުން ވަކި ކުރި ނަމަވެސް ރަށުގެ ފަޅު ތެރޭގައި ނުވަތަ ކައިރީގައި އޮންނަ ރަށެއްގައި ރިސޯޓު ހެދުމުން އެންމެ ބޮޑަށް ފައިދާ ވާނީ އެ ރަށަކަށް ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ ހުޅުވިގެންދާ ވަޒީފާގެ ފުރުސަތު ތަކެވެ.

އެހެން ނަމަވެސް، އެގްރީމެންޓު ތެރޭގައި ހިމަނައިގެން ރިސޯޓުން ލިބޭ އާމްދަނީގެ ބައެއް ކައުންސިލަށް ލިބޭނެ ގޮތް ހެދުމަށް ކައުންސިލްތަކުން ބޭނުންވާކަން މުއިއްޒު މިއަދު ފާހަގަކުރެއްވި އެވެ. އެކަން ކުރެވޭތޯ ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލްތަކުން ބައްލަވަނީ އެގްރީމެންޓު ތެރޭގަ ހިމަނައިގެން ވަކި އިންސައްތައެއްގެ ޕްރޮފިޓެއް ލިބޭގޮތް ހަދަން. ދެން މީގަ ގާނޫނީ ގޮތުން އެ ފުރުސަތު ދެވޭނެތޯ ނޫންތޯ އެއީ އަޅުގަނޑުމެން އަދިވެސް ބަލަމުންދާ ކަމެއް. ވަކި ރަށެއްގެ ކައުންސިލަށް އޭގެ ފައިދާވުން އެއީ މިހާރު އަޅުގަނޑުމެންނަށް ހައްލު ނޯންނާނެ ކަމަކީ،" މުއިއްޒު ވިދާޅުވި އެވެ.

މިކަން ކުރަން ވިސްނަނީ ގާނޫނު ބަދަލުނުކޮށް، ގަވާއިދެއްގެ ތެރެއިން ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވި އެވެ. އަދި، މި ވާހަކަ ފާހަގަކޮށްލެއްވީ ރިސޯޓު ހަދަން އިހުތިސާސުން ވަކިކުރާ ސަބަބާމެދު ސުވާލު އުފައްދާތީ އެކަން ކައުންސިލްތަކަށާއި ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭ ހއ. ކެލާގެ ފަޅު ތެރޭ ދެ ރިސޯޓު ތަރައްގީކުރަން އެ ރަށުގެ ފަޅުން ދެ ބައެއް އަދި ކ. ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރަން އެ ރަށު ފަޅުން ބައެއް ރަށުގެ އިހުތިސާސުން ވަކިކުރި އެވެ. މީގެ އިތުރުން ވެސް ޓޫރިޒަމް މަޝްރޫއުތަކަށް ރަށްރަށުގެ އިހުތިސާސުން ފަޅުގެ ބައި ބަޔާއި ރަށްތައް ވަކިކޮށްފައިވެ އެވެ.