25 ސެޕްޓެންބަރު 2025 - 12:52 0
ލީވާން އަލީ ނާސިރު
މުހައްމަދު އިބްރާހިމް: މޫސަ މަރާލި މައްސަލައިގައި ދައުވާކުރަން ޕީޖީއަށް ފޮނުވީ އޭނާގެ މައްޗަށް -- ފޮޓޯ: ފުލުހުން
25 ސެޕްޓެންބަރު 2025 - 12:52 0
ޖުލައި 28، ގައި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހިމް، 29 އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، 29 ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މޫސަގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި މުހައްމަދު އިބްރާހިމްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ ސެޕްޓެމްބަރު 23، ގައި ކަމަށެވެ. އެ މައްސަލަ ޕީޖީ އޮފީހުން ބަލައިގަނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ޖުލައި 28، ގައި ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އެއްލާލާފައި އޮތީ އެރަށުގެ މޫދަށެވެ. އެ ވަޅި ފުލުހުން ވަނީ ހޯދައިފަ އެވެ.
މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީއެއް އިންޑިއާއަށް ފޮނުވައިގެން އޮގަސްޓް 6، ގައި ހަދާފައިވާއިރު، އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލީ އޮގަސްޓް 10، ގަ އެވެ.
މޫސަގެ އާއިލާއިން އަދަދު އަށް ކުރިން ބުނީ މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވީ އާއިލާގެ ނުގަބޫލުގައި ކަމަށެވެ. އާއިލާއިން އޭރު ބޭނުންވީ ވީހާވެސް އަވަހަށް އޭނާގެ ޖަނާޒާގެ ކަންކަން ނިންމުމަށެވެ.
Comment