25 ސެޕްޓެންބަރު 2025 - 11:52 0
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު: ދުނިޔޭގެ އޮޔާއި ވައިގެ ތެރެއަށް ކުދިން "ގަރަގުވާން" ދޫކޮށްނުލާން އެމަނިކުފާނު ރޭ ގޮވާލެއްވި --- ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެންބަރު 2025 - 11:52 0
ދުނިޔޭގެ އޮޔާއި ވައިގެ ތެރެއަށް ރާއްޖޭގެ ކުޑަކުދިން "ގަރަގުވާން" ދޫކޮށްނުލުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ތ. ވޭމަންޑޫގައި ހުންނަވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގިޔަސް އޭގެ ފައިދާ ލިބޭނީ މީހުންގެ ސިކުނޑި ތަރައްގީ ވެގެން ކަމަށެވެ. އެކަމަށް އޮތް މަގަކީ އިސްލާމް ދީން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުނިޔޭގަ ޖެހޭ އޮޔާއި ވަޔާއި، މި ހުރިހާ ކަމެއްގެ ތެރޭގަ އަޅުގަނޑުމެންގެ ކުދިން ގަރަގުވާން ދޫކޮށްލައިފިއްޔާ. ބޭނުމެއް ނެތް. މިތާ ކިތަންމެ ވަރަކަށް ބިން ހިއްކާ، ހޮސްޕިޓަލު އަޅާ، އެތައް ކަމެއް ކުރިޔަސް،" މުއިއްޒު ވިދާޅުވި އެވެ.
ދިވެހިންނަށް ލިބިފައި އޮތް އެންމެ ފަހުރު ވެރި އެއްޗަކީ އިސްލާމް ދީން ކަމުގައި ދެކިގެން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލަށް އެކަން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް އިސްލާމް ދީނަށް ނަސްރު ދިނުމަކީ. އިސްލާމް ދީނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެން މިދިޔަ ދެ އަހަރެއްހާ ދުވަހު އެތައް ކަމެއް އިރާދަކުރެއްވީތީ ކޮށްފިން،"
މިހެން ވިދާޅުވެ މުއިއްޒު ވަނީ ހާފިޒުން ތަމްރީނު ކުރުމާއި ވަގުފް މަޝްރޫއުތައް ހިންގުމާއި ޒުވާން ހަތީބުން އުފެއްދުމާއި ޒަކާތާއި ގުޅޭގޮތުން ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. ޒަކާތާއި ގުޅޭ ގާނޫނެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ދީން ކިޔަވައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި އެހެން ދިމާލަކަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެ، މި ސަރުކާރުން ދީނީ ގޮތުން ކުރަމުންދާ އިތުރު ކަންކަން މުއިއްޒު ރޭ ފާހަގަކުރެއްވި އެވެ.
އެގޮތުން، ދީން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަސްތައް އިތުރު ކުރަން ރާވަމުންދާ ކަން އެމަނިކުފާނު ރޭ ފާހަގަކުރެއްވި އެވެ.
Comment