Advertisement

ސިޓީ އާއި އާސެނަލް ވެސް ލީގު ކަޕް ގަދަ 16 އަށް

25 ސެޕްޓެންބަރު 2025 - 06:43 0


ސިޓީ އާއި އާސެނަލް ވެސް ލީގު ކަޕް ގަދަ 16 އަށް

25 ސެޕްޓެންބަރު 2025 - 06:43 0

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ލީގު ކަޕްގެ ތިން ވަަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން އާސެނަލާއި މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފި އެވެ.

އާސެނަލުން ވަނީ ރޭ ރަށުންބޭރުގައި ކުޅުނު މެޗުން ތިން ވަނަ ޑިވިޝަނުގެ ޕޯޓް ވޭލް އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ސިޓީން ވަނީ ތިން ވަނަ ޑިވިޝަނުގެ ހަޑްސްފީލްޑް ޓައުން އަތުން 2-0 މޮޅުވެފަ އެވެ.

ރޭ އާސެނަލަށް ލީޑުނަގައިދިނީ، މި ފަހަރުގެ ޓްރާންސްފާގައި ކްރިސްޓަލް ޕެލަސް ދޫކޮށް އެ ޓީމަށް ބަދަލުވި އިނގިރޭސި އެޓޭކިން މިޑްފީލްޑަރު، އެބެރެޗީ އެޒޭ ޖެހި ގޯލުންނެވެ. މިއީ، މާޓިން ލެވިސް ސްކެލީ ދިން ބޯޅައަކުން އެޒޭ ޖެހި ގޯލެކެވެ. މިއީ އާސެނަލަށް ބަދަލުވުމަށް ފަހު، އޭނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ޕޯޓް ވޭލް އިން ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމަށް ލަނޑެއް ޖެހޭގޮތެއްނުވި އެވެ. އާސެނަލަށް މެޗުގެ މޮޅު ކަށަވަރުކޮށްދިން ގޯލު ޖެހީ، ފުރިހަމަ ވަގުތު ހަމަވާން ކުޑައިރުކޮޅެއްވެފައި ވަނިކޮށް، ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ.

ފިލް ފޯޑެންގެ ގޯލުން ސިޓީން ލީޑުނެގި މެޗުގައި އެ ޓީމަށް ދެ ވަނަ ހާފުގައި އަނެއް ލަނޑު ޖަހައިދިނީ، ސަވީނިއޯ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މެޗަށް ފަހު، އެ ޓީމުގެ ގިނަ ކުޅުންތެރިން މަޑުމަޑުން ރަނގަޅު ފޯމަކަށް އަންނަމުންދާ ކަމަށް ބުނެފަ އެވެ.

ގަދަ 16 ބުރުގެ ގުރުއަތުލުން ކުރިއަށްދިޔައިރު، އާސެނަލުން ކުޅޭނީ ބްރައިޓަންއާ އެވެ. ސިޓީން ސްވަންސީއާ ބައްދަލުކުރާއިރު، ލިވަޕޫލުން ކުޅޭނީ ކްރިސްޓަލް ޕެލަސްއާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ނިއުކާސަލް އިން ޓޮޓެންހަމްއާ ކުޅެން ޖެހުނުއިރު، ވުލްވްސް ދަނޑުގައި ކުޅޭނީ ޗެލްސީއާ ދެކޮޅަށެވެ.