24 ސެޕްޓެންބަރު 2025 - 09:46 0
މުހައްމަދު ޝަހްޒާން
ކޮންޓްރޯލް ބިލު މަޖިލީހުން ފާސްކުރި ދުވަހު މަޖިލިސް ދޮށުގައި ނޫސްވެރިން އިސްނަގައިގެން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
24 ސެޕްޓެންބަރު 2025 - 09:46 0
ސަރުކާރު އަޑީގައި އޮވެ ނޫސްވެރިކަން ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްނުކުރުމަށް ގޮވާލައި މަޖިލިސް ދޮށުގައި ނޫސްވެރިން އިސްނަގައިގެން ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރި ގޮތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އެ ދުވަހު ފުލުހުން އަމަލު ކުރި ގޮތް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
"ސެޕްޓެމްބަރު 16، 2025، ވަނަ ދުވަހު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ދެކޮޅަށް ކުރެވުނު އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްފައިވާ ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން އަމަލު ކޮށްފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ގާނޫނު ނަންބަރު" 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ބެލުމަށް ކޮމިޝަނުން ނިންމާފައިވޭ،" އިއްޔެ އާންމުކުރި އެ ޕޯސްޓުގައި ބުންޏެވެ.
އެ ދުވަހުގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރިގޮތް އެންއައިސީން ތަހުގީގު ކުރަން ފަށާފައިވާއިރު، އެ ދުވަހުގެ މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.
އެގޮތުން މުޒާހަރާގައި ބައިވެރިވި މީހެއްގެ އަތުގެ އިނގިއްޔެއް ވެސް ފުލުހުންގެ އިހުމާލުން ބިންދައިގެން ގޮސްފައިވާ ކަމަށް އަނިޔާ ލިބުނު މީހާ ބުނެފައިވެ އެވެ.
ނޫސްވެރިން އިސްނަގައިގެން ކުރި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ ސެޕްޓެމްބަރު 17، ގައި އެންއައިސީއަށް ހުށަހަޅައިފަ އެވެ.
މީޑިއާ ކޮންޓްރޯލް ބިލް މަޖިލީހުން ފާސްކުރީ މަޖިލިސް ބޭރުގައި މެދުކެނޑުމެއް ނެތި ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ ބިލު މަޖިލީހުން ފާސްކުރި ވަގުތު މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރުމުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނަން އިއްވައި މަޖިލީހުން ނެރުނެވެ.
ނޫސްވެރިންގެ އެއްވެސް ކަންބޮޑުވުމަކަށް ރިއާޔަތްނުކޮށް މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ސެޕްޓެމްބަރު 18، ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment