23 ސެޕްޓެންބަރު 2025 - 20:20 0
އަހުމަދު އާއިދު
ރައީސް މުއިއްޒު މިއަދު މަޑިފުށީގައި ބީއެމްއެލް އިން ބެހެއްޓި އޭޓީއެމް ހުޅުވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
23 ސެޕްޓެންބަރު 2025 - 20:20 0
ރައީސް މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އެމަނިކުފާނު އަނެއްކާ ވެސް ރައްދު ދެއްވައިފި އެވެ.
މިއަދު ހަވީރު ތ. މަޑިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ފުރަތަމަ ފާހަގަކުރެއްވީ މިއަދު އެ ރަށުގައި ވެސް އޭޓީއެމް އެއް ހުޅިވިގެން ދިޔަ ކަމެވެ. ފާޑުކިޔުންތަކަށް ރައްދު ދެއްވީ އޭގެ ފަހުންނެވެ.
"އޭޓީއެމް ތަކަކީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ނަމަވެސް، އެއީ އެކަމުގެ ނަފާ ލިބޭ ރަށްރަށުގަ ތިބޭ ރައްޔިތުންނަށް ވަރަށް ފަސާހެވާ ކަންކަން،" މުއިއްޒު ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ރައްޔިތުންގެ އަތުން ކުރަމުންދިޔަ އެތައް ހަރަދެއް ސަލާމަތްވެ، ރައްޔިތުން ބާރުވެރިވެ، ރަށްރަށުގެ އިގުތިސޯދު ރަނގަޅުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
އޭޓީއެމް އާއި ގުޅުވާ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް މުއިއްޒު މީގެ ކުރިން ރައްދު ދެއްވީ އޮގަސްޓު 25، ގައި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނެއްލައިދޫ ގައި ހުންނަވައިގެންނެވެ. އެ ދުވަހު ވެސް ވިދާޅުވީ އޭޓީއެމް ބެހެއްޓުމަކީ އާދައިގެ "ކުޑަ" ކަމެއް ނޫން ކަމަށެވެ.
"[މި ރަށުގައި ވެސް] އަޅުގަނޑުމެން އޭޓީއެމް އެއްގެ ހިދުމަތް ފަށައިފިން. އޭޓީއެމް ބަހައްޓާތީ ބައެއް ފަރާތްތަކުން އެކަން އާދައިގެ ކަމަކަށް އެބަ ހަދާ. އެއީ އާދައިގެ ކަމެއް ނޫން. ފަހަރެއްގަ މިފަދަ ރަށްރަށުގެ ރައްޔިތުންނަށް މިކަމުގެ މުހިންމުކަން. މިފަދަ ކަންކަމުގެ މުހިންމުކަން އެނގިވަޑައިނުގަންނަވަންޏާ އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަނީ އޭޓީއެމް ބަހައްޓާތީއެއް ނޫނެވެ. ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބަކީ ކޮންމެ އޭޓީއެމް އެއް ހުޅުވުމަށް މުއިއްޒު ވަޑައިގަންނަވާތީ އެވެ
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން 103 އޭޓީއެމް ގާއިމު ކުރުމުގެ މަޝްރޫއެއް ބީއެމްއެލް އިން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment