24 ސެޕްޓެންބަރު 2025 - 12:06 0
ސާއިފް ޝިޔާދު
24 ސެޕްޓެންބަރު 2025 - 12:06 0
ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ވިދާޅުވެ މާލީ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ލީގަލް އޮފިސަރު އެ ހެއްދެވީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.
އެކަން ހާމަވީ، ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން މާޗު 13، 2025, އާ ހަމައަށް ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުން މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ހޯދުމަށް، ގާނޫނީ ވަކީލު އައިކު އަހްމަދު އީސާ ހުށަހެޅީ ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.
ފިނޭންސް މިނިސްޓްރީ އަކީ އައިކު ވެސް އުޅުއްވި އޮފީހަށް ވެފައި، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އެ މިނިސްޓްރީން ބަލަހައްޓައި ރައްކާކުރާކަން ކަށަވަރުވާތީ އެވެ. އެ މައުލޫމާތު ހޯދަން އައިކު މި އަހަރުގެ ކުރީކޮޅުގައި ހުށަހެޅީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުކުރަމުން ގޮސް، އޮފީހުގެ ގޮނޑި މޭޒު ނެތް މިންވަރަށް ސިޔާސީ މުވައްޒަފުން ވައްދަމުންދާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.
ނޫސްތަކުން އެ މައުލޫމާތު ހޯދަން ތަކުރާރުކޮށް އެދުމުން ރައީސް އޮފީހުން ވެސް ބުނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެ މުވައްޒަފުންގެ މައުލޫމާތު ވަކިވަކި މިނިސްޓްރީތަކުން ހޯދުމަށެވެ. ފިނޭންސް މިނިސްޓްރީން ވެސް އެ ބުނަނީ އެހެންނެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އޮތީ އެހެނަކުންނެއް ނޫނެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެ އިދާރާއަކުން ބަލަހައްޓާ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް ދޭންޖެހެ އެވެ. އެ އިދާރާއަކުން ބަލަހައްޓާ މައުލޫމާތެއް ނޫން ނަމަ އެ މައުލޫމާތެއް ހުރި އިދާރާއަކަށް މައްސަލަ ފޮނުވަންޖެހެ އެވެ.
ހަމަ ޔަގީނުން ވެސް ދައުލަތުން މުސާރަ ދޭ މީހުންގެ ލިސްޓެއް ފިނޭންސް މިނިސްޓްރީގައި އޮންނާނެ އެވެ. ގާތްގަނޑަކަށް 40 މިނެޓަށް ދެމިގެންދިޔަ އަޑުއެހުމުން ހާމަވީ ސަރުކާރުގެ ބާރުގަދަ މަގާމުތަކުގައި ތިބި މީހުންގެ ސިއްރުތައް ފޮރުވުމަށް އޭގެ ދަށުން މަސައްކަތް ކުރާ ސިވިލް ސާވަންޓުންނަށް އަންގާ ކަމެވެ.
ފިނޭންސްގައި ތިބި ގާބިލު އެތައް މުވައްޒަފުންނެއް މި ސަރުކާރު އައުމަށް ފަހު ކެނޑިގެންދިޔައީ ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ. އެފަދަ ލިސްޓެއް ފިނޭންސްގައި ނެތް ކަމަށް ބުނުމަކީ ދިވެހިންނަކީ ތަންދޮރު ނޭނގޭ ގަމާރު ބައެއް ކަމަށް ބުނުމެވެ. އެއީ ނިއުކްލިއާ ލޯންޗު ކޯޑެއް ނޫނެވެ. އެ މައުލޫމާތު ސިޔާސީ މުވައްޒަފުންގެ މުސާރަ ހަމަޖައްސައިދޭ ޓެކްސްޕޭޔަރުންނަށް އެނގެން ޖެހެ އެވެ.
އެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވި ގޮތުގައި އެ މައުލޫމާތަކީ ދައުލަތުގެ ކޮންމެވެސް އިދާރާއެއްގައި ހުންނަން ޖެހޭ މައުލޫމާތެކެވެ. ދައުލަތުގެ ހުރިހާ މާލިއްޔަތުގެ ކަންކަމެއް ބަލަހައްޓަނީ ފިނޭންސުން ކަމަށްވެފައި އެ މައުލޫމާތު ހުރި އިދާރާއެއް އެ މިނިސްޓްރީއަށް އެނގެން ވާނެ ކަމަށް އާހިދު ވިދާޅުވި އެވެ.
ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް މުސާރަ ޝީޓު ތައްޔާރު ކުރުމަށް ފަހު ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ ކަމަށް ފިނޭންސްގެ ފަރާތުން ބައިވެރިވި ލީގަލް އޮފިސަރު ވެސް އެއްބަސްވި އެވެ. އެއާއެކު އާހިދު ވިދާޅުވީ ހުރިހާ އިދާރާއެއްގެ މުސާރަ ޝީޓު ފިނޭންސްގައި ހުންނަންވާނެ ކަމަށެވެ.
"ތި ބޭފުޅުން ތި ވިދާޅުވަނީ ތި ބޭފުޅުންނަށް އެނގޭކަށެއް ނޯންނާނެ ސިޔާސީ މުވައްޒަފުންނަކީ ކޮބައިކަމެއް؟" އާހިދު ސުވާލު ކުރެއްވި އެވެ.
"އާދެ، ސިޔާސީ މުވައްޒަފުންނާއި އެހެން މުވައްޒަފުން އަޅުގަނޑުމެންނަށް ވަކި ނުކުރެވޭ،" ލީގަލް އޮފިސަރު ޖަވާބު ދެއްވި އެވެ.
އަޑުއެހުމަށް ހާޒިރުވީ ލީގަލް އޮފިސަރަށް ވީ ނަމަވެސް އެ އަޑުއެހުމުގައި އޭނާ ދައްކަން ޖެހޭ ވާހަކަ އާއި ޖަވާބު ދޭންވީ ގޮތް ކައިރީގައި ހުރި މީހަކު ކިޔައިދެމުންދިޔަ އެވެ. ބެލެވޭ ގޮތުގައި އިންސްޓްރަކްޝަން ދެމުންދިޔައީ ފިނޭންސްގެ އިސް ސިޔާސީ މުވައްޒަފެކެވެ.
"މިނިސްޓަރާއި އެކައުންޓެންޓް ޖެނެރަލަކީ މިނިސްޓްރީގެ ހަގީގީ އިސްވެރިން ކަމަށްވާއިރު، ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ބޭފުޅުންނާ ހަވާލުކޮށްފައި ވަނީ ގާނޫނުން. ސްކްރީނުން ފެންނަ މީހާއަށް އެކަން އެނގިފައި ނެތް، ތަކުރާރު ކުރަމުންދިޔައީ ކައިރީގައި ހުރި ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެއްޗެއް،" ފިނޭންސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އޮޑިޓަރު އިސްމާއިލް ޒަރިޔަންދު ވިދާޅުވި އެވެ.
މުޅި އަޑުއެހުމުގައި ވެސް ފެނިގެންދިޔައީ ފިނޭންސްގެ ފަރާތުން ސުވާލުތަކަށް ސާފު ޖަވާބެއް ދިނުމުގެ ބަދަލުގައި މައުލޫމާތު ނެތް ކަމަށް ބުނެ އޮޅުވާލައި ދޮގު ހެދި މަންޒަރެވެ. ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ޖިނާއި ކުށެކެވެ. ފަހަރުގައި އެކަން ލީގަލް އޮފިސަރުގެ ހަނދާނުގައި ނެތުނީ ކަމަށް ވެދާނެ އެވެ.
ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމާއި، މުސާރަ އާއި، އިނާޔަތްތަކާއި، އައްޔަންކުރި ތާރީހު އެ މިނިސްޓްރީއަށް އެނގޭނެ އެވެ. ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން އައްޔަންކުރާ މުވައްޒަފުންނަކީ ކޮންމެ ފަސް އަހަރަކުން ބަދަލުވާ ބަޔަކަށްވުމާއެކު އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީގައި ހުންނާނެ އެވެ.
"ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މައުލޫމާތު، މަގާމާއި މުސާރަ ވެސް އެނގޭ ގޮތަށް ފިނޭންސް މިނިސްޓްރީގެ ޕޭރޯލް ސިސްޓަމްގައި ހުންނާނެ. އެއީ އަބަދު ވެސް ފިނޭންސް މިނިސްޓްރީން ބަލަހައްޓާ މައުލޫމާތެއް. މުސާރަ ވެސް ދެނީ އެ އެ މައުލޫމާތަށް. އެހެންވީމަ މައުލޫމާތު ނެތް ކަމަށް ބުނުމަކީ ވަރަށް ދެރަ ކަމެއް،" މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވި ގޮތުގައި ފިނޭންސްގެ ލިޔެކިޔުމާއި ހިސާބުކިތާބަށް ނާރާ ބަޔަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ އާއި އިނާޔަތެއް ދެވިގެން ނުވާނެ އެވެ. އަދި އެފަދަ މީހަކަށް ދައުލަތުގެ އެއްވެސް ޒިންމާއެއް ހަވާލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްއޭޕީ ސިސްޓަމަކީ ވަޒީފާގެ ވަޒީފާގެ ޑޭޓާތައް ކޮންމެ މަގާމެއް ވަކިވަކިން ވަރަށް ރަނގަޅަށް ރެކޯޑް ކުރާ ނިޒާމެއް. އަދި އެފަދަ މައުލޫމާތު ބޭނުންވާ މިންވަރަށް ސިސްޓަމުން ނެގޭނެ. މިއީ މާލިއްޔަތު ގާނޫނާއި އެއާ ގުޅޭ ގަވާއިދުތަކާއި އައިޕީއެސްއޭއެސް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް،" ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވި ޒަރިޔަންދު ވިދާޅުވި އެވެ.
މިފަދަ މުހިންމު މައުލޫމާތެއް ފިނޭންސްގައި ނެތް ކަމަށް ބުނެ އޮޅުވާލުމަކީ އެ މިނިސްޓްރީއަށް މާލިއްޔަތު ގާނޫނާއި ގަވާއިދުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވޭ ކަމުގެ ސާފު ހެއްކެކެވެ. އެ މައުލޫމާތު އެ މިނިސްޓްރީގައި ހުންނާނެ ކަމަށް ތަފާތު އެކި މަސްދަރުތަކުން ޔަގީންކޮށްދިނެވެ. ބުއްދީގެ ހަމަތަކުން ވިސްނިޔަސް އެ މައުލޫމާތު ފިނޭންސްގައި ހުންނާނެކަން ކަށަވަރެވެ.
ފިނޭންސް މިނިސްޓްރީން ދޮގު ހެދި މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ އެވެ.
----
ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މީހުންނަށް ކުރާ ހަރަދަކީ ދައުލަތުގެ ބޮޑު ސިއްރެއްގެ ގޮތުގައި ނުބޭއްވޭނެ އެވެ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ އާއި އިނާޔަތް ދޭ ބައެކެވެ. މުއިއްޒުގެ ބަހުން ބުނާނަމަ ސިޔާސީ މަގާމުތަކުގައި ތިބޭނީ ރައްޔިތުންގެ ހާދިމުންނެވެ. ނަމަވެސް، ރައްޔިތުންނަށް އެ މީހުންގެ ހިދުމަތުގައި ތިބީ ކިތައް ހާދިމުން ކަމެއް، އެ މީހުންގެ ފައިސާއިން ހާދިމުންނަށް ކުރަނީ ކިހާ ހަރަދެއް ކަމެއް ބުނަން ސަރުކާރުން ބޭނުމެއް ނުވެ އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ ނިއުކްލިއާ ލޯންޗު ކޯޑެކޭ މިއަދު މިވަނީ އެއްފަދަ ވެފަ އެވެ.
Comment