23 ސެޕްޓެންބަރު 2025 - 10:38 0
އަހުމަދު އާއިދު
ކާރު މަޑުނުކޮށް ދިޔުމުން ހައްޔަރުކުރި ހާލިދުގެ ވަނަވަރާއި ފޮޓޯ ---
23 ސެޕްޓެންބަރު 2025 - 10:38 0
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަފިހިހުރަހަކުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވުމުން ވެސް ކާރު މަޑުނުކޮށް ދިޔަ މައްސަލައެއްގައި ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
މަގު ހުރަސް ކުރި މީހާގެ ގައިގައި ކާރުން ޖެހުމުން އޭނާގެ ފައި، ކަށިމައްދާ ދިމާލުން ވަނީ ބިނދިފަ އެވެ. އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެއީ ދިވެހި ފިރިހެނެކެވެ.
އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ ޏ. ފުވައްމުލައް، ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57، އެވެ.
އެކްސިޑެންޓު ހިނގީ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ޓަވަރު ކައިރީގައި ހުންނަ ކަފިހިހުރަގަ އެވެ. ކާރު މަޑުނުކޮށް ދިޔައިރު، އަނިޔާވި މީހާ އޮތީ މަގުމައްޗަށް ވެއްޓިފައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހާލިދު ހައްޔަރުކުރީ އެ ސަރަހައްދުގައި ހުރި ސެކިއުރިޓީ ކެމެރާތަކުގެ ފުޓޭޖު ބަލައި ކާރު ދެނެގަނެގެންނެވެ. އިއްޔެ އޭނާ ހައްޔަރުކުރީ ފުލުހުން އެދިގެން ކޯޓުން ދިން އަމުރެއްގެ ދަށުންނެވެ.
މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނިއިރު، ހާލިދުގެ ބަންދާމެދު ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
Comment