Advertisement

ގޯލްކީޕަރު އިފުރާހު އަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދެނީ

23 ސެޕްޓެންބަރު 2025 - 07:40 0

ވިކްޓަރީ އަށް ކުޅުނު މެޗެއްގެ ތެރެއިން އިފްރާހު.--- ފޮޓޯ: މިހާރު


ގޯލްކީޕަރު އިފުރާހު އަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދެނީ

23 ސެޕްޓެންބަރު 2025 - 07:40 0

ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު، އިބްރާހިމް އިފްރާހު އަރީފް (އިފްރާ) އަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ،

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ފުރަތަމަ ހޯދި ބޮޑު ކާމިޔާބީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު އިފްރާހު، އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅުނީ، މީގެ ހަ އަހަރު ކުރިން، ޓީސީ ސްޕޯޓްސް ކްލަބްގަ އެވެ.

އުމުރުން 36 އަހަރުގެ އިފުރާހު އަށް އިއްޔެ ޖެހުނު ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް އާއިލާ މެމްބަރަކު ވަނީ ބުނެފަ އެވެ. އަދި، އިއްޔެ ވަނީ ސާޖަރީއެއް ވެސް ކުރިއަށްގެންގޮސްފަ އެވެ. އަދި ސާޖަރީ އަށް ފަހު ވެސް އިފުރާހަށް އަންނަނީ، އިތުރަށް ފަރުވާ ދެމުންނެވެ.


ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު ބޮޑަށް ފާހަގަވާން ފެށީ، މާޒިޔާގަ އެވެ.

ރާއްޖޭގެ އުމުރުފުރާގެ ގިނަ ގައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓި، އިފްރާހު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ގިނަ ކޯޗުންގެ ލޮލުގައި އަޅައިގަތް ކުޅަދާނަ ކީޕަރެއްގެ ގޮތުގައި ފެނިފައިވާ އިފުރާހު ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ކުޅެފަ އެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ޓީމުން އެންމެ ފުރަތަމަ 2007 ގައި ޖާގަ ހޯދި އިފްރާހު ވަނީ ޖެހިގެން އައި އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ވެސް ހިމެނިފަ އެވެ. އެންމެ ފަހުން، ސީނިއާ ގައުމީ ޓީމުގައި އިފްރާހު ހިމެނުނީ މީގެ ހަތް އަހަރު ކުރިން 2018 ގަ އެވެ.

ފުރަތަަމަ ޑިވިޝަނުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ އަދި ބީޖީ އަށް ވެސް ކުޅެފައިވާ އިފްރާ އަކީ، 2019 ވަނަ އަހަރު ޓީސީން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.

ފުޓްބޯޅަ ކެރިއަރަށް ފަހު، އިފްރާހު، ބޮޑަށް ހަރަކާތްތެރިވަމުން އައީ ސްޕޯޓްސް ފިޝިންގަ އެވެ.