22 ސެޕްޓެންބަރު 2025 - 20:46 1
އަހުމަދު އާއިދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު މިއަދު އެކްސްގައި ވިދާޅުވީ 500 މިލިއަނުގެ ސުކޫކު ޑިފޯލްޓު ވުމުގެ ބިރު އެބައޮތް ކަމަށް --- ފޮޓޯ: އަދަދު
22 ސެޕްޓެންބަރު 2025 - 20:46 1
އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދެއްކުމަށް ސަރުކާރުން ރާވާފައި އޮތް ގޮތަށް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި، ފައިސާ ނުލިބި ރާއްޖޭގެ ސުކޫކު ޑިފޯލްޓު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުން ދިޔުމެވެ. ސުކޫކު އަނބުރާ ދައްކަން ޖެހެނީ އެޕްރީލް 8، 2026، ގަ އެވެ.
"ރާއްޖޭގެ ސުކޫކު ބޮންޑު އަނބުރާ ނުދެއްކި ޑިިފޯލްޓު ވެދާނެ ކަމުގެ ބިރު އޮތްކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ. މިހެން ވެއްޖެ ނަމަ އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މޫޑީސް އާއި ފިޗު ފަދަ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމަކީ ވެސް އައު ސުކޫކެއް ވިއްކުމަށް ދަތިވާނެ ސަބަބެއް ކަމުގައި މިއަދު ނަޝީދު ލިޔުއްވާފައިވެ އެވެ.
މިދިޔަ އަހަރު، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ދަރަނި ނުދެއްކުމުގެ ހިރާސް އިންތިހާއަށް ބޮޑުވެ، ޑިފޯލްޓު ވެދާނެ ކަމަށް ލަފާކޮށްފަ އެވެ. ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާތަން ނުފެންނަ ކަމަށް ބުނެ މޫޑީސް އިން މި އަހަރުގެ މެއި މަހު ވަނީ ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓައިފަ އެވެ.
ސުކޫކު ރިފައިނޭންސް ނުކުރެވިދާނެ ކަމުގެ ބިރު ނަޝީދު ފާޅުކޮށްފައިވާއިރު، ރިފައިނޭންސިންގެ ވާހަކަތަކާއެކު ރާއްޖޭގެ ސުކޫކު ދުނިޔޭގެ ބާޒާރުގައި ޓްރޭޑުކުރަމުން އަންނަ އަގު މައްޗަށް ވެސް ދިޔަ އެވެ.
މިހާރު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 92.53 ސެންޓުގަ އެވެ. ސުކޫކުގެ އަގު މައްޗަށް ގޮސްފައި މިވަނީ ދުވަހަކު ނުވެއްޓޭހާ ދަށަށް ދިޔުމަށްފަހު އެވެ. އެޕްރީލް 7، ގައި ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދިޔައީ ޑޮލަރަކަށް 46 ސެންޓު ރޭޓުގަ އެވެ.
މިދިޔަ އަހަރު ފިޗު ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ސުކޫކުގެ އަގު ދަށަށް ގޮސް ޑިފޯލްޓު ވެދާނެ ކަަމުގެ އަޑުތައް ވެސް ފެތުރުނެވެ. ފިޗު ރޭޓިން އާ ގުޅިގެން ޑޮލަރަކަށް ޖެހޭ ރޭޓު ވެއްޓުނީ 66 ސެންޓަށެވެ.
Comment