Advertisement

ސޮއިކުރިތާ 20 މަސް ފާއިތުވީއިރު ހުޅުމާލޭ ކޮމާޝަލް ސްޕައިންގެ އެއް 'ބަދަ' ވެސް ނުބޭއްވޭ

22 ސެޕްޓެންބަރު 2025 - 11:15 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ އާބަން އައިލް ތަރައްގީކުރަން ގެންގުޅޭ ޕްލޭނުގެ ކުރެހުމެއް: ފައިނޭންޝަލް ސެންޓަރު ވެސް ހުންނާނެ ކަމަށް ބުނަނީ މި ތަނުގައި -- ފޮޓޯ: އެޗްޑީސީ


ސޮއިކުރިތާ 20 މަސް ފާއިތުވީއިރު ހުޅުމާލޭ ކޮމާޝަލް ސްޕައިންގެ އެއް 'ބަދަ' ވެސް ނުބޭއްވޭ

22 ސެޕްޓެންބަރު 2025 - 11:15 0

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ސަރަހައްދު ތަރައްގީކުރަން ހުޅުމާލޭ އާބަން އައިލްގައި ހިންގާ "ކޮމާޝަލް ސްޕައިން" ޕްރޮޖެކްޓު ޗައިނާ ކުންފުންޏަކާ ހަވާލުކޮށް، އެޑްވާންސަށް އެތައް މިލިއަން ފައިސާއެއް ދިިންތާ އެތަކެއް މަސްތަކެއް ވޭތުވެގެން ދިޔަ އިރު އަދިވެސް މަސައްކަތެއް ނުފަށާ ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގައި އަގުކުރެވިފައިވާ މި ޕްރޮޖެކްޓު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކުރީ ޗައިނާގެ "ހުނާން ނަމްބާ ސިކްސް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް" އާ އެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓުމަންޓު ފޯރަމްގެ ތެރެއިންނެވެ.

އެޗްޑީސީން ވަނީ މަސައްކަތް ފަށަން ޗައިނާ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި މަޝްރޫއުގެ ޖުމްލަ އަގުގެ 15 ޕަސެންޓު، އެއީ 7.6 މިލިއަން ޑޮލަރު (117 މިލިއަން ރުފިޔާ) ދޫކޮށްފަ އެވެ. ޕްރޮޖެކްޓަށް ބޭނުންވާ ބާކީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ) ހޯދަން ޖެހެނީ ޗައިނާ ކުންފުނިންނެވެ.

މި ފައިސާ އެޗްޑީސީން ޗަައިނާ ކުންފުންޏަށް ދައްކަން ޖެހެނީ މަސައްކަތް އެއްކޮށް ނިންމާ ތަން ހަވާލުކުރީމަ އެވެ. މި މަސައްކަތް ނިންމަން ޗައިނާ ކުންފުންޏަށް ދިނީ ދެ އަހަރު ދުވަހެވެ. މިދިޔަ އަހަރު އެޗްޑީސީން ބުނީ ކޮންޓްރެކްޓަރަށް ފައިސާ ހަމަޖެހުމުން މަސައްކަތް ފެށޭނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

އޭގެ ފަހުން މަސްތަކެއް ވޭތުވެގެން ދިޔަ އިރު ވެސް، އިމާރާތްތައް އެޅުމުގެ މަސައްކަތް ނުފެށޭ ސަބަބު ސާފުކުރަން މި ނޫހުން އެޗްޑީސީގެ މީޑިއާ އޮފިޝަލަކާ ސުވާލުކުރުމުން އޭނާ ބުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ޕްރޮޖެކްޓުގެ އަދާހަމަ ހިއްސާކުރާނެ ކަމަށެވެ.

އެޗްޑީސީން މިކަން ކަށަވަރުކޮށް ނުދިނުމުން، މި ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރިތޯ ބަލަން އަދަދު އިން ވާނީ ހުޅުމާލެ ފެންނަ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތައް ވެސް ބަލާފަ އެވެ. އެ ސަރަހައްދުގައި އިމާރާތްކުރުމުގެ މަސައްކަތެއް ހިނގާ މަންޒަރެއް ނުފެނެ އެވެ.

ގާތްގަނޑަކަށް 9500 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ ކޮމާޝަލް ސްޕައިންގައި ތިން ފަންގިފިލާގެ ހަތް އިމާރާތް ހުންނާނެ އެވެ. ވިޔަފާރިތަކާއި މުނިފޫހިފިލުވާ ތަންތަނާއި ރެސްޓޯރަންޓުތަކުގެ އިތުރުން ބްރޭންޑް އައުޓްލެޓުތަކާއި ވެލްނަސް ސެންޓަރަކަށް ހާއްސަ ޖާގަތައް ހިމެނޭހެން، މި އިމާރާތްތަކުގައި 30 ވިޔަފާރި އައުޓްލެޓު ހުންނާނެ ކަަމަށް އެޗްޑީސީއިން ބުނެފައި ވެ އެވެ.

މި ތަނުގައި އިމާރާތްކުރާ ތަންތަން ހުންނާނީ މައިބަދަ (ސްޕައިން) އެއް ގޮތަށް ގުޅިލާމެހިފަ އެވެ. އެ ސަރަހައްދަށް ކޮމާޝަލް ސްޕައިންގެ ނަން ދީފައި ވަނީ އެ ކޮންސެޕްޓަށް އިމާރާތްތައް ތަރައްގީކުރާތީ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަސައްކަތް ނިމުމުން މި ސަރަހައްދު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ތަރަައްގީކުރެވޭ އެންމެ ބޮޑު ވިޔަފާރީގެ ސަރަހައްދަށެވެ. މިއާއެކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން އާބަން އައިލްއަށް އަންނަ ޓޫރިސްޓުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުން މިހެން ބުނި ނަމަވެސް، މި ތަނުގައި އެ މަސައްކަތް ހަވާލުކުރި ފަހުން ގަތަރުގެ އެމްބީއެސް އިންވެސްޓްމަންޓްސް ކިޔާ ބަޔަކާ ވަނީ އާބަން އައިލްގައި ބޮޑު ފައިނޭންޝަލް ސެންޓަރެއް އަޅަން ހަވާލުކޮށްފަ އެވެ. އަށް ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ބުނާ، މި ސެންޓަރުގެ ބިންގާ އެޅުން ފިޔަވައި އިތުރު މަސައްކަތެއް ނުކުރެ އެވެ.