22 ސެޕްޓެންބަރު 2025 - 07:04 0
22 ސެޕްޓެންބަރު 2025 - 07:04 0
ލަންޑަން (ސެޕްޓެމްބަރު 22) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ޓޮޓެންހަމް ހޮޓްސްޕާސް އަށް ސޮއިކުރި، ނެދަލެންޑްސްގެ އެޓޭކިން މިޑްފީލްޑަރު، ޒަވީ ސިމޯންސް، ޗެލްސީ އަށް ނުދިޔައީ އެ ޓީމުގެ ޕްރޮޖެކްޓާ މެދު ޔަގީންކަން ކުޑަވުމުން ކަމަށް ޒަވީ ސިމޯންސްގެ އޭޖެންޓް، އަލީ ބަރަތު ބުނެފި އެވެ.
ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނުތަނާހެން ޒަވީ ސިމޯންސް، 22، އާ އެކު، ޓްރާންސްފާގެ ކަންކަމުގައި އެއްބަސްވުމަކަށް އަތުވެފަ އެވެ. އޭގެ ފަހުން މަސައްކަތްކުރީ، ލައިޕްޒިގަށް ޒަވީ ސިމޯންސްގެ ޓްރާންސްފާ ފީ ދޭނެ ގޮތަކާ މެދު ކުރިއަށްދިޔަ މަޝްވަރާތަކެވެ. އެ ގޮތުން، ލައިޕްޒިގުން ކިޔާ 70 މިލިއަން ޑޮލަރުގެ ފީ ކުޑަކުރުމަށް ޗެލްސީން ދިޔައީ ބަދަލުގައި ކުޅުންތެރިއެއް ދޭން ވާހަކަ ދައްކަމުންނެވެ. އެ ވާހަކަތައް ދިގުލައި ދިޔައިރު، ޓޮޓެންހަމް އިން ފުރުސަތުގެ ބޭނުންހިފައި، 65 މިލިއަން ޑޮލަރުގެ ފީއެއް ދައްކާ ގޮތަށް އެ ޓްރާންސް ނިންމާލައި، ޒަވީ ސިމޯންސްގެ ސޮއި ހޯދައިފަ އެވެ.
އަލީ ބަރަތު ބުނީ، ޒަވީ ސިމޯންސް ގެންދަން، ޓޮޓެންހަމް އާއި ޗެލްސީން ވެސް ހުށަހެޅީ ވަރަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ކަމަށެވެ. އަދި، އެ ދެ ކްލަބްގައި ވެސް ހުރީ ޒަވީ ސިމޯންސް އަށް ރަނގަޅު ފުރުސަތުތަކެއް ކަމަށް އަލީ ބަރަތު ވަނީ ފާހަގަކޮށްފަ އެވެ.
"އެކަމަކު، އަހަރެމެންނަށް ގަބޫލުކުރެވުނީ، ޒަވީ ސިމޯންސް އަށް ޗެލްސީގައި ޔަގީންކަން ކުޑަވާ ކަންތައްތަކެއް އެބަހުރިކަން، މިސާލަކަށް އެ ކްލަބްގެ ސްކޮޑު އޮތްގޮތާއި އެހެނިހެން ކަންކަން، އެހެންވެ، ޓޮޓެންހަމާ ވާހަކަ ދެކެވި، އެ ޓީމުގެ ކޯޗު، ތޯމަސް (ފްރޭންކް)ގެ އިތުބާރު އޮތުމާ އެކު، އެ ޓީމަށް ބަދަލުވީ" އަލީ ބަރަތު ބުންޏެވެ.
ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޒަވީ ސިމޯންސް، ޗެލްސީ އަށް ނުދިޔައީ ކުޅުމުގެ ފުރުސަތު އެންމެ އެކަށީގެންވާ މިންވަރަށް ނުލިބޭނެތީ އެވެ.
ބާސެލޯނާގެ ލަ މާސިއާ އިން އުފެދުުނު ޒަވީ ސިމޯންސް، 22، ވަނީ ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ. ޕީއެސްވީ އައިންދޯވަން އަށް ވެސް ކުޅުނު ޒަވީ ސިމޯންސް، މިހާރު ކުޅެމުން އަންނަ ލައިޕްޒިގަށް ބަދަލުވީ، މީގެ ދެ އަހަރު ކުރިންނެވެ. ލައިޕްޒިގަށް ފުރަތަމަ ލޯނަކަށް އައި، ޒަވީ ސިމޯންސްގެ އެއްބަސްވުން އެ ކްލަބުން ދާއިމީ ކުރީ، މި އަހަރު ޖެނުއަރީ މަހުގަ އެވެ. ޓޮޓެންހަމް އަށް ބަދަލުވެ، ޒަވީ ސިމޯންސް އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗުތަކުގައި ކުޅެމުންނެވެ.
Comment