Advertisement

މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަން ހިންގާ ވަގުތީ ކޮމިޓީ އެކުލަވާލައިފި

21 ސެޕްޓެންބަރު 2025 - 15:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލަށް އެކުލަވާލި މީޑިއާ ގާނޫނު މަޖިލީހުން ބޭރުކޮށްލުމަށް އެދި ނޫސްވެރިން މިހާރު އުވާލާފައިވާ މީޑިއާ ފެންޑާގައި ކުރި މުޒާހަރާގެ ތެރެއިން ޔޫތު މިނިސްޓަރު އަސްވާޑު އާއި ވާހަކަދައްކަނީ --- ފޮޓޯ: އަދަދު


މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަން ހިންގާ ވަގުތީ ކޮމިޓީ އެކުލަވާލައިފި

21 ސެޕްޓެންބަރު 2025 - 15:42 0

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ހެދި ގާނޫނުގެ މީޑިއާތަށް ކޮންޓްރޯލް ކުރަން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން ވަގުތީ ގޮތުން ހިންގާ ކޮމިޓީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލައިފި އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު މުޖުތާޒު އަދަދު އާއި ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ ވަގުތީ ކޮމިޓީ އެކުލަވާލީ މިއަދު ކަމަށެވެ.

ވަގުތީ ކޮމިޓީގައި ހިމެނެނީ

  • އަލީ ޒަކީ، ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް
  • އަހުމަދު މައުސޫމް، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް
  • އާމިނަތު ނަސީރު، އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް
  • އާމިނަތު ޝާހިދާ، އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް
  • އިމާދު މުހައްމަދު، ގައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް

މި ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް ކަނޑައަޅާނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެ ވޯޓު ނަގައި ކޮމިޓީގެ ވެރިން އައްޔަންކުރި ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

އައު ގާނޫނުގެ ދަށުން ކޮމިޝަނުގެ މެންބަރުން އިންތިހާބުކޮށް، އައްޔަން ކުރުމާއި ހަމައަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތް ނިންމުމާއި އަލަށް އުފައްދާ މީޑިއާތަކަށް ލައިސެންސް ދިނުމާމެދު ކޮމިޓީއަށް ގޮތް ނިންމޭނެ އެވެ.

ނަމަވެސް، މީޑިއާތަކުގެ ލައިސެންސް ބާތިލުކުރުމާއި ގާނޫނާއެކު އުވިދިޔަ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކާމެދު ވަގުތީ ކޮމިޝަނަށް ގޮތެއް ނުނިންމޭނެ އެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.

ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހު ކުރީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ އެވެ.