21 ސެޕްޓެންބަރު 2025 - 11:59 0
އަހުމަދު އާއިދު
ރައީސް މުއިއްޒު ޗައިނާ ރައީސް ޝީގެ ދެ ކަނބަލުންނާއި ސަލާމް ކުރައްވަނީ: މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ހަރަދު ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވޭ ---- ފޮޓޯ: ރައީސް އޮފީސް
21 ސެޕްޓެންބަރު 2025 - 11:59 0
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުގެ ހަރަދު ރައީސް އޮފީހުން ހާމަނުކޮށް ސިއްރުކޮށްފި އެވެ.
މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ އޮގަސްޓު 30، އިން ސެޕްޓެމްބަރު 4، އަށެވެ. 15 ދުވަސް ތެރޭ ހާމަކުރަން މި ސަރުކާރުން ވައުދުވެފައިވާ ތަފުސީލުތައް މިހާތަނަށް ހާމަނުކުރާއިރު، ޗައިނާއިން ވަޑައިގެންނެވިތާ މިއަދަށް 17 ދުވަސް ވާނެ އެވެ.
ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރަން ފެށީ މުއިއްޒުގެ އިސްނެންގެވުމަށެވެ. ދަތުރުތަކުގެ ހަރަދު އިސްވެ ރައީސް އޮފީހުން ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޑިސެމްބަރު 2، 2023 ގަ އެވެ.
ޗައިނާ ދަތުރާއެކު އެންމެ ފަހުން ގައުމުން ބޭރަށް މުއިއްޒު ކުރެއްވި ހަތަރު ދަތުރުގެ ހަރަދު ވެސް ރައީސް އޮފީހުން މިވަނީ ސިއްރުކޮށްފަ އެވެ.
އެންމެ ފަހުން ހަރަދުގެ ތަފުސީލު ހާމަކުރެއްވި ދަތުރަށްފަހު އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ރަސްމީ ދަތުރުތަކެއް ކުރައްވައިފަ އެވެ.
މެލޭޝިއާއަށް މުއިއްޒު ކުރެއްވި ދަތުރު ނިންމާލި ފަހުން 144 ދުވަސް ވެއްޖެ އެވެ. ސިންގަޕޫރު ދަތުރަށް 81 ދުވަސް ފާއިތުވިއިރު، މުއިއްޒު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވި ފަހުން 64 ދުވަސް ވެއްޖެ އެވެ. މިއިން އެއްވެސް ދަތުރެއްގެ ހަރަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ
މި އަހަރު ތެރޭގައި މުއިއްޒު ވަނީ ހަ ދަތުރެއް ކޮށްފަ އެވެ. އެއީ އިނގިރޭސިވިލާތަށް ކުރެއްވި ދެ ދަތުރާއި ސިންގަޕޫރު، މެލޭޝިއާ، ޗައިނާ، އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރެވެ. މީގެތެރެއިން ސިންގަޕޫރަށް ވަޑައިގެންނެވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާވެސް އެކުގަ އެވެ.
މުއިއްޒުގެ އިތުރުން ހުރިހާ ދަތުރެއްގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ބައެއް މަޖިލިސް މެންބަރުން ހިމެނޭ ބޮޑެތި ވަފުދުތަކެއް ބައިވެރިވެ އެވެ. ބައެއް ދަތުރުތަކުގައި ސަރުކާރުގެ ހަރަދުގައި މީޑިއާތައް ވެސް ގެންގޮސްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment