20 ސެޕްޓެންބަރު 2025 - 19:23 0
20 ސެޕްޓެންބަރު 2025 - 19:23 0
ލިވަޕޫލް (ސެޕްޓެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 2-1 އިން މޮޅުވެ، ލިވަޕޫލުން ސައްތަ އިން ސައްތަ ރެކޯޑާ އެކު ލީގު ތާވަލުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލަކީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް އެ ޓީމުން ކުޅުނު ފަސް މެޗުން މޮޅުވި ހަމައެކަނި ޓީމެވެ. ލިވަޕޫލުން އެއް ވަަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. މިއީ، ޖެހިޖެހިގެން ފަސް މޮޅާ އެކު، ލިވަޕޫލުން ލީގު ސީޒަނެއް ފެށި ފަސް ވަނަ ފަހަރެވެ. އެންމެ ފަހުން، އެކަން ހާސިލްކުރީ، 2019/20 ސީޒަނުގަ އެވެ. އެ ފަހަރު އެ ޓީމުން ލީގު ހޯދި އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. މިއީ، އޭރިއާތެރެއަށް މުހައްމަދު ސަލާހު ނަގައިދިން ބޯޅައަކަށް އަރައި، ރަޔާން ގްރަވެންބާކް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އޭގެ ފަހުން، ސަލާހު ޖެހި ޝޮޓެއް ވަނީ ގޯލުގެ ހުރަސް ދަނޑިމަތިން ގޮސްފަ އެވެ.
މެޗުގައި ލިވަޕޫލަށް ދެ ވަނަ ގޯލު ޖަހައިދިނީ، 28 ވަނަ މިނިޓްގައި ހޫގޯ އެކިޓީކޭ އެވެ. މިއީ، ގްރަވެންބާކް ދިން ބޯޅައަކަށް އަރައި، އެވަޓަންގެ ކީޕަރު، ޖޯޑަން ޕިކްފޯޑް ކައިރިން ހަމަޖެހިލައިފައި އެކިޓީކޭ ޖެހި ގޯލެކެެވެ.
އެވަޓަން އިން ވަނީ ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅެ، ލިވަޕޫލް ކޮޅަށް ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 58 ވަަނަ މިނިޓްގައި އިދްރީސާ ގާނާ ގޭއި އެވެ. މިއީ، އެވަޓަންގެ ޖެކް ގްރީލިޝް ނެގި ހުރަހަކުން އިލްމަން އެންޑިއާއޭ ދިން ބޯޅައަކުން ގޭއި ޖެހި ގޯލެކެވެ.
އެވަޓަންގެ ކޯޗު، ޑޭވިޑް މޮއިސް، ލިވަޕޫލް ދަނޑުގައި މޮޅެއް ނުލިބި 23 މެޗު ނިންމާލަން ޖެހުނުއިރު، ލިވަޕޫލުން މި ވަނީ ގިނަ އަހަރުތަކަކަށް ފަހު، އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޖެހިޖެހިގެން ފަސް މެޗުން މޮޅުވެފަ އެވެ. މީގެ ކުރިން އެކަން އެންމެ ފަހަރަކު ހާސިލްކުރިއިރު، އެއީ، 1933 އިން 1937 އަކާ ދެމެދުގަ އެވެ.
Comment