20 ސެޕްޓެންބަރު 2025 - 20:27 1
މުހައްމަދު ޝަހްޒާން
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު
20 ސެޕްޓެންބަރު 2025 - 20:27 1
ސަރުކާރު ހަމައިން ކައްސާލާ ނަމަ އިދިކޮޅު ހުރިހާ ޕާޓީއަކަށް އެ ވާހަކަދައްކަން އެއް ޕްލެޓްފޯމަކަށް އާދެވޭނެ ކަމަށް ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ގޯސް ކަންކަމުގެ ވާހަކަދައްކަން އިދިކޮޅު އެމްޑީޕީއަށާއި އަދާލަތަށް ވެސް ހިތްވަރު ދެއްވާ ކަމަށެވެ.
"އަޅުގަނޑު ހިތްވަރުދެން އިނގޭތޯ އެމްޑީޕީއަށް ވެސް ދައުލަތުން މި ކުރާ ގޯސް ކަންތައްތަކުގެ ވާހަކަދައްކަން އިނގޭތޯ؟ އެމްޑީޕީން ވެސް ހަމަ ދައުލަތުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަދައްކާ، އަދި އަދާލަތުން ވެސް ދައްކާ ދައުލަތުން ހަދާ ގޯސްތަކުގެ ވާހަކަ އިނގޭތޯ؟ ގޯސްތަކުގެ ވާހަކަ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެންނަށް އާދެވޭނެ، އެއީ ހުރިހާ ޕާޓީތަކަކުން ކުރަންޖެހޭ ކަމަކީ އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ނުރަނގަޅު ވާހަކަތައް ދައްކަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަމަށެވެ. ނަމަވެސް ހިނގަމުންދާ ސަރުކާރަކުން ގޯސްކޮށް ކަންތައްތަކެއް ކުރާ ކަމަށްވާނަމަ އެ ވާހަކަދެއްކުމަކީ އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ބައެއް ދެން ތިބޭ ބަޔަކު ސަރުކާރުން ޓްރެކުން ކައްސާލާ ކަމަށްވަންޏާ އެ ވާހަކަ ދައްކާނެ، އެއީ ޕާޓީތަކުގެ ޒިންމާ ދެއްތޯ؟ ސިޔާސީ ޕާޓީތަކުން އަޅުގަނޑުމެން ޕާޓީ އުފައްދާފައި އަޅުގަނޑުމެންނާ މަތި ކޮށްފައި އޮތް ޒިންމާއެއް އެބައޮތޭ،" ޔާމީން ވިދާޅުވި އެވެ.
"ހުރިހާ ޕާޓީތަކުން ވެސް އެބަޖެހޭ ސަރުކާރުން ސަރުކާރުގެ މެންޑޭޓާ ހިލާފަށް ރައްޔިތުންނަށް މިކަހަލަ ބޮޑެތި ގެއްލުންތައް ލިބިގެންދާ ހިސާބަށް ކަންތައްތައް ދަންޏާ އެ ވާހަކަ ދައްކަންޖެހޭނެ ދެއްތޯ؟"
ޔާމީން މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ސިޔާސީ ހަރަކާތްތައް ވެސް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ޕާޓީން ރޭ ވެސް ވަނީ ބޮނޑިބަތް ޕާކުގައި ޖަލްސާއެއް ބާއްވައިފަ އެވެ.
ސިޔާސީ ހަރަކާތްތައް ގިނަވަމުންދާއިރު، އިދިކޮޅު އެމްޑީޕީން ވެސް ދަނީ އަންނަ އޮކްޓޫބަރު 3، ގައި މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންނެވެ. އެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ސިފައިންނާއި ފުލުހުން ވެސް ތައްޔާރީތައް ވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment