Advertisement

އިންޓެލިޖެންސް ފެއިލްވެ، ޝަހީބު އަތުލަން ފުލުހުން ހައްޔަރުކުރީ އަނބިމީހާ!

19 ސެޕްޓެންބަރު 2025 - 11:53 7

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ފުލުހުންގެ އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އިންޓެލިޖެންސް ފެއިލްވެ، ޝަހީބު އަތުލަން ފުލުހުން ހައްޔަރުކުރީ އަނބިމީހާ!

19 ސެޕްޓެންބަރު 2025 - 11:53 7

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޑްރަގު ޓްރެފިކިން މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުނުވެގެން ހޯދަމުން އައި ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ފުލުހުންގެ މައި މަރުކަޒަށް ގޮސް އަމިއްލައަށް ފުލުހުންނާ ހަވާލުވީ އޭނާގެ އަނބިމީހާ ހައްޔަރުކުރުމުން ކަން އެނގިއްޖެ އެވެ.

ޝަހީބު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވީ ރޭގަ އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން އަމުރު ކުރިތާ ހަތަރު ދުވަސް ފަހުން އަމިއްލައަށް ފުލުހުންނާ ހަވާލުވިއިރު ޝަހީބުގެ އަންހެނުން ހުރީ ހައްޔަރުގަ އެވެ.

އޭނާގެ އަންހެނުން، މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، 47، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން އެދިގެން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ވަހީދާ ހައްޔަރުކުރަން އެދުނީ ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ނައްތާލުން އަދި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމުގެ ތުހުމަތު ވެސް ފުލުހުން ވަހީދާގެ މައްޗަށް ކުރި އެވެ. މި ތުހުމަތުތަކަށް ބާރުދީ ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް އެކަންޏެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަހީދާ ހައްޔަރުކުރަން ނިންމީ އެ ހިދުމަތުގެ އިންޓެލިޖެންސް ފެއިލްވެ، މިދިޔަ ހަފުތާ ތެރޭ ޝަހީބު ހޯދުމަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުމުންނެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލައިފާސްކޮށްފަ އެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ޝަހީބުގެ މައްޗަށް ދައުވާކުރަނީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ފުލުހުން ބުނާ ގޮތުގައި މި މަސްތުވާތަކެތީގެ ވެރިޔަކީ ޝަހީބެވެ.

މި މައްސަލައިގައި ޝަރީއަތް ހިނގަމުން ދަނިކޮށް ޝަހީބު ވަނީ، އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށް، މީގެ ދެ އަހަރު ކުރިން ބަންދުން ދޫކޮށްލާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ދެން އޮތީ ހުކުމް އިއްވަން ބާއްވާ އަޑުއެހުމެވެ.

މި މައްސަލައިގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ޝަހީބާ ގުޅުން އޮވެ އެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.