Advertisement

އަނިޔާ ނުކުރާ ކަމަށް ބުނެ ފޮޓޯ ނެގި އޭންގަލް ފުލުހުން ގޯސްކޮށްފި

18 ސެޕްޓެންބަރު 2025 - 13:28 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އަނިޔާ ނުކުރާ ކަމަށް ބުނެ ފޮޓޯ ނެގި އޭންގަލް ފުލުހުން ގޯސްކޮށްފި

18 ސެޕްޓެންބަރު 2025 - 13:28 3

މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ފެންނަނީ ފޮޓޯ ނަގާފައިވާ އޭންގަލުން ކަމަށް ބުނެ ހާލަތާ ނުބައްދަލު ބާރުގޭ ބޭނުން ކުރުން ފުލުހުން ދިފާއުކޮށްފި އެވެ.

އެ މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.

އެ ހުރިހާ އަނިޔާއެއް ދިފާއުކޮށް މިއަދު ނެރުނު ބަޔާނުގައި ފުލުހުން ބުނީ އެ އިދާރާގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށެވެ.

ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުލުހުންނަކަށް ވެސް ހުރަހެއް ނޭޅޭނެ އެވެ. މަޖިލިސް ކައިރީގައި ކުރި މުޒާހަރާއަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.

"ލަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން ދަންނަވަން. އެ ފޮޓޯތަކަކީ، ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް،" ފުލުހުން ބުނެފައިވެ އެވެ.

ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެ މުޒާހަރާ ރުޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މުޒާހަރާގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަދި ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހައްޔަރުކުރި އެވެ. ނަމަވެސް، ޕްރެޝަރު ބޮޑުވުމުން ފަހުން ދޫކޮށްލީ އެވެ.