Advertisement

މީޑިއާ ބިލު ތަސްދީގު ނުކުރަން އައިއެފްޖޭ އިން މުއިއްޒު އަށް ގޮވާލައިފި

18 ސެޕްޓެންބަރު 2025 - 11:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މީޑިއާ ބިލު ތަސްދީގު ނުކުރަން އައިއެފްޖޭ އިން މުއިއްޒު އަށް ގޮވާލައިފި

18 ސެޕްޓެންބަރު 2025 - 11:27 0

މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

އައިއެފްޖޭގެ ވެބްސައިޓުގައި އެ ޖަމިއްޔާއިން ވަނީ މަޖިލީހުން މިފަދަ ބިލެއް ފާސްކުރުން ކުށްވެރިކޮށްފަ އެވެ. އަދި، އެއީ ޑިމޮކްރަސީ އާއި މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއްގެ ގޮތުގައި އައިއެފްޖޭއިން ސިފަކުރެ އެވެ.

"މި ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަން ސެންސަރުކޮށް، އަދަބު ދިނުމާއި، އަޑު ކަނޑުވައިލުމުގެ ބާރު ސަރުކާރަށް ލިބޭ،" އައިއެފްޖޭއިން ބުނެފައި ވެ އެވެ.

ނޫސްވެރިން ހައްޔަރުކޮށް، ބިރު ދައްކައި ފުރައްސާކުރަމުންދާ ކަމަށާއި އައިއެފްޖޭ އޮތީ އެމްޖޭއާއެކު ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. މި ބިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންގެ ހައްގުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އައިއެފްޖޭއިން ބުނެ އެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމަށް ގޮވާލާފަ އެވެ.

މަޖިލީހުން މި ބިލު ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ވޯޓަށް އެހީ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވުމުން އެ ޕާޓީގެ ޕީޖީ ގްރޫޕް މަޖިލީސް ދޫކޮށް ނުކުތް ފަހުންނެވެ.

ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.

އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.

ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.

އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.