Advertisement

ދަރަނި ދައްކާ ބަޖެޓު ހުސްވެ، އިންޑިއާއިން އަނެއްކާވެސް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ފަސްކޮށްދީފި

18 ސެޕްޓެންބަރު 2025 - 10:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުގައި އެއާޕޯޓުން ރައީސް މުއިއްޒު މަރުހަބާ ދަންނަވަނީ ----- ފޮޓޯ: ރައީސް އޮފީސް


ދަރަނި ދައްކާ ބަޖެޓު ހުސްވެ، އިންޑިއާއިން އަނެއްކާވެސް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން ފަސްކޮށްދީފި

18 ސެޕްޓެންބަރު 2025 - 10:10 0

މި އަހަރުގެ ބަޖެޓުގައި ދައުލަތުން ނަގާފައިވާ ލޯނުތައް ދައްކަން ބަޖެޓު ކުރި ފައިސާ ހުސްވެ، ދިވެހި ސަރުކާރުގެ އެދުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލަށް މިއަދު ދައްކަން އޮތް 50 މިލިއަން ޑޮލަރު އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ 50 މިލިއަން ޑޮލަރު ފަސްކޮށްދޭނެ ކަމުގެ ޔަގީންކަން ލިބުނީ މިއަދު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީ ބަލަސުބްރަމާނިއަމް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާއެކު ބޭއްވި ބައްދަލުވުންތަކުގަ އެވެ.

އިންޑިއާގެ މި ނިންމުމުން ހާމަވީ އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވި އެވެ.

އެސްބީއައިއިން ގަތް ޓީބިލަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ބަޖެޓު ސަޕޯޓު ހޯދަން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީބިލުތަކެކެވެ. އެސްބީއައިއިން މި ޓީބިލުތައް ގަތީ ފަހަރަކު 50 މިލިއަން ޑޮލަރު މަގުންނެވެ.

މި ފައިސާ ދެއްކުން މި އަހަރުގެ މެއި މަހު އަދި މިދިޔަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ވެސް އިންޑިއާއިން ފަސްކޮށްދިނެވެ.

އިންޑިއާއިން ޕޭމަންޓު ދެއްކުން ފަސްކޮށްދީފައި މިވަނީ މި އަހަރުގެ ބަޖެޓުގައި ދައުލަތުން ނަގާފައިވާ ލޯނުތައް ދައްކަން ބަޖެޓު ކުރި 3.8 ބިލިއަން ރުފިޔާ ހުސްވެ، ދަރަނިތައް އަދާކުރަން އިތުރަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައި ވަނިކޮށެވެ.

ފިނޭންސުން އާންމުކޮށްފައިވާ އަހަރުގެ 32 ވަނަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި އެ ހަފުތާގެ ނިޔަލަށް ލޯނުތައް ދައްކަން 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ބަޖެޓު ކުރި ވަރަށް ވުރެ 76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަހަރުގެ ބާކީ 20 ހަފުތާ އޮއްވައި ލޯނު ދައްކާ ބަޖެޓު ހުސްވީއިރު، މިއަދު ފަސްކޮށްދިން ޕޭމަންޓު ހިމެނޭހެން އަހަރުގެ ފަހު ކުއާޓަރުގައި ވެސް ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ. މިއީ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ އަދަދުތައް އެނގިގެން ބަޖެޓު ކުރާ އަދަދެއް ކަމުން ލޯނުތައް ދައްކަން އިތުރަށް ހަރަދުކުރަން ޖެހުނީ ކީއްވެގެން ކަމަށް ނޭނގެ އެވެ.