18 ސެޕްޓެންބަރު 2025 - 08:39 0
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގުޅުން ބަދަހި ކުރަން ވާހަކަ ދެކެވުނު -- ފޮޓޯ: މޫސާ ޒަމީރު
18 ސެޕްޓެންބަރު 2025 - 08:39 0
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީ ބަލަސުބްރަމާނިއަމް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާ އިއްޔެ ބައްދަލު ކުރައްވައި، އިންޑިއާއިން އެހީތެރިވެދޭ ޕްރޮޖެކްޓުތަކުގެ އަދާހަމަ ބައްލަވައިފި އެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ސަފީރުގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ މެނަން ހިމެނެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އިއްޔެ ބައްދަލުވުން ކުރިއަށްދިޔައީ ރަނގަޅަށް ކަމަށެވެ. އިންޑިއާއިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ އަދާހަމަ ބައްލަވައި، އެ ޕްރޮޖެކްޓުތައް ކުރިއަށްގެންދިޔުމަށް ހުރި ގޮންޖެހުންތަކަށް އިއްޔެ އަލިއަޅުވައިލެވުނު ކަމަށް ޒަމީރު ވިދާޅުވެ އެވެ.
"އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރު ކުރުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު،" ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވުމަށްފަހު އެ ގުޅުން އަލުން ބަދަހި ކުރެވޭތޯ ދިވެހިރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުން ގެންދެވި މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގެންގުޅުއްވީ އިންޑިއާއާ ފެޔަށް ޖެހުމުގެ ސިޔާސަތެކެވެ. އިންޑިއާއާ ދުރުވުމުގެ މަގު ޗާޓެއް ވެސް ޖެނުއަރީ، 2024، ގައި މުއިއްޒު އިއުލާނު ކުރެއްވި އެވެ.
އެ މަގު ޗާޓު އިއުލާނު ކުރެއްވި ފަހުން، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ ގުޅުން އަނެއްކާ ވެސް ބަދަހި ކުރަން މުއިއްޒަށް މަޖުބޫރުވެވަޑައިގެންނެވީ ރާއްޖޭގެ މާލީ ހާލަތު މެނޭޖު ނުކުރެވި މާލީ ބޮޑެތި ދަތިތަކެއް ކުރިމަތިވުމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment