Advertisement

ހުލާސާކޮށް އިއްޔެ: މިނިވަން ހިޔާލު މަނާ ކުރާ ބިލާއެކު ބޭރުގެ ޕްރެޝަރު ބޮޑުވުން

18 ސެޕްޓެންބަރު 2025 - 06:28 0


ހުލާސާކޮށް އިއްޔެ: މިނިވަން ހިޔާލު މަނާ ކުރާ ބިލާއެކު ބޭރުގެ ޕްރެޝަރު ބޮޑުވުން

18 ސެޕްޓެންބަރު 2025 - 06:28 0

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސް ކުރި މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލުގެ ސަބަބުން ބޭރު ގައުމުތަކުން ސަރުކާރަސް ކުރާ ޕްރެޝަރު ބޮޑުވެ، ބިލުގެ ހަގީގަތް އޮޅުވާލަން ސަރުކާރުގެ އިސް އޮފިޝަލުން ސޯޝަލް މީޑިއާގައި ލިޔަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސަރުކާރުން ބިލު ފާސް ކުރުމާއެކު ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވަނީ މިނިވަން ހިޔާލާއި ނޫސްވެރިކަން ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހި ސަރުކާރަށްް ފާޅުގައި ގޮވާލައިފަ އެވެ. އޭގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ބިލުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކުރި ކަން މި ނޫހަށް އެނގިފައިވެ އެވެ.

އޭގެ ފަހުން، ބިލު ދިފާއުކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވެރިން ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވަމުންނެވެ. އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ލީޑަރުން ކުރައްވަމުން ގެންދަވާ ޕޯސްޓުތަކަށް ވެސް ސަރުކާރުން ދަނީ ރައްދު ދެމުންނެވެ.

އެ ބިލާ ގުޅޭ ދެ ޕޯސްޓެއް ހަލީލު ކުރައްވާފައިވެ އެވެ. އެ ދެ ޕޯސްޓުގައި ވެސް ބުނެފައި ވަނީ ބިލުގެ މައިގަނޑު މަގްސަދަކީ މީޑިއާ ރެގިއުލޭޓް ކުރަން މިހާރު އޮންނަ ކޮމިޝަނާއި ކައުންސިލުގެ މަސައްކަތް އެއް ކޮމިޝަނެއްގެ ދަށަށް ގެނައުން ކަމަށެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މީޑިއާ ރެގިއުލޭޓް ކުރަން މިނިވަން އެއް ކޮމިޝަނެއްގެ ދަށަށް ގެނެސްދޭ ބިލެއް. އެ ކޮމިޝަނުގެ މެޖޯރިޓީ މެންބަރުންނަކީ ސީދާ މީޑިއާތަކުން އިންތިހާބު ކުރާ މެންބަރުން. އޭގެ ސަބަބުން ޓްރާންސްޕޭރަންސީ އިތުރުވެ، ސަރުކާރުގެ ކޮންޓްރޯލް މީޑިއާއަށް ނެތްކަން ކަށަވަރުވާނެ،" ހަލީލު ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން ހަލީލު ބަހުގެ ހަމަލާއެއް ދެއްވީ އިދިކޮޅު އެމްޑީޕީއަށެވެ. އެމްޑީޕީގެ ވެރިކަމުގައި ނޫސްވެރިކަން އޮތް ކަމަށް ހަލީލަށް ގަބޫލު ކުރެވޭ ގޮތުގެ ވާހަކަ ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައި އޮތެވެ. ނަމަވެސް ބިލުގައި ހުރި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްގެ ވާހަކައެއް ހަލީލު ނުދައްކަވަ އެވެ.

މުހިއްމު ބައެއް ހަބަރު