Advertisement

މަޖިލިސް ކައިރި ކުރަމުންދާ މުޒާހަރާ ރޫޅާލަން ފުލުހުން ނޫސްވެރިންނަށް އަނިޔާކޮށްފި

16 ސެޕްޓެންބަރު 2025 - 15:46 0

ފުލުހުން ނޫސްވެރިންނާ ކުރިމަތިލަނީ: ނޫސްވެރިއެއްގެ ބޯމައްޗަށް ފުލުހަކު ކަކުލުން އެރި --- ފޮޓީ: މިރާޝް ނާޝިމް / އަދަދު


މަޖިލިސް ކައިރި ކުރަމުންދާ މުޒާހަރާ ރޫޅާލަން ފުލުހުން ނޫސްވެރިންނަށް އަނިޔާކޮށްފި

16 ސެޕްޓެންބަރު 2025 - 15:46 0

މިނިވަން މީޑިއާ ނެެތިކޮށްލާ ބިލު މިއަދު ފާސް ކުރަން އުޅޭތީ މަޖިލިސް ކުރާ ގޭ ކައިރީގައި ނޫސްވެރިން ކުރަމުންދާ މުޒާހަރާ ރޫޅާލަން ފުލުހުން ނޫސްވެރިންނަށް އަނިޔާކޮށްފި އެވެ.

ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ފާސް ކުރަން މަސައްކަތް ކުރާ ބިލު ފާސް ކުރުމަށް މިއަދު 4:00 ޖަހާއިރަށް ވަނީ ޖަލްސާއެއް ތާވަލުކޮށްފަ އެވެ. އެ ބިލުގެ ރިޕޯޓު މީގެ ކުޑަ އިރުކޮޅެއް ކުރިން ފާސް ކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.