Advertisement

"ފަހު ދުވަސް" އިހުތިޖާޖުގައި ބައިވެރިވާނެ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

15 ސެޕްޓެންބަރު 2025 - 22:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"ފަހު ދުވަސް" އިހުތިޖާޖުގައި ބައިވެރިވާނެ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

15 ސެޕްޓެންބަރު 2025 - 22:19 0

މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލަން ގޮވާލައި "ފަހު ދުވަސް" ނަމުގައި މާދަމާ މަޖިލިސް ދޮށުގައި ބާއްވާ އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އަދަދު އަށް ވިދާޅުވީ ފަހު ދުވަސް އިހުތިޖާޖުގައި ބައިވެރިވާން ނިންމީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން މަރާލާތީ އަދި ރައީސް މުހައްމަދު މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ފައްކާކުރަން ކުރާ އެންމެ މުހިންމު ކަންތަކާ ދެކޮޅަށް ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ޑިމޮކްރަސީ ދުވަހާއި ގުޅުވައި މަރާލަނީ މުއިއްޒުގެ ސިލްސިލާގައި ހުދުމުހުތާރު ވެރިކަމެއް ފައްކާކުރަން ކުރާ އެންމެ މުހިންމު ކަންތައް،" ފައްޔާޒް ވިދާޅުވި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކޮށްގެން މަޖިލިސް ދޮށަށް މާދަމާ އެއްވާން ގޮވާލާފައިވަނީ ހެނދުނު 8:30 އަށެވެ.

އެމްޖޭއޭއިން ވަނީ އެ އިހުތިޖާޖުގައި ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފަ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީން ނުކުތުމުން ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ވަނީ މިއަދު މަޖިލިސް ދޮށުގައި އިހުތިޖާޖުވެސް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ދައުރުން ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާއެއް މިހާތަނަށް ވެސް ހާމައެއް ނުކުރެ އެވެ.

މާދަމާ ބާއްވާ އެ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ރައްޔިތުންގެ މަޖިލީހުން، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ފާސްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.