Advertisement

ނޫސްވެރިން ނުވައްދައި މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީން ފާސްކޮށްފި

15 ސެޕްޓެންބަރު 2025 - 17:51 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ނޫސްވެރިން ނުވައްދައި މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީން ފާސްކޮށްފި

15 ސެޕްޓެންބަރު 2025 - 17:51 1

މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން އަޑީގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީން ނުކުތުމުން ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ބިލު ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރީ ކޮމިޓީގައި އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީގެ އިއްތިފާގުންނެވެ. މިއަދު ކޮމިޓީއަށް ބައެއް ބަދަލުތަކެއް ވެސް ގެނަ އެވެ. ބިލުގެ ވޯޓަށް އެހުމުން ނޫސްވެރިން ނުރުހުން ފާޅުކުރީ މަޖިލީހަށް ހުށަހަޅާފައި އޮތް ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް އަހާތީ އެވެ.

އެއާއެކު ކޮމިޓީގައި ނޫސްވެރިންނާއި ބައެއް އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަން ފެށުމުން ކޮމިޓީ މެދުކަނޑާލި އެވެ. އޭރު ވޯޓަށް އަހާފައި އޮތް ނަމަވެސް ބިލު ފާސްވި ކަމަށް އިއުލާނެއް ނުކުރެ އެވެ.

އެހެންވެ، އަލުން 17:00 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކުރި އެވެ. ކޮމިޓީގައި އިންނަވާ އެމްޑީޕީއަށް ނިސްބަވްތާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި ބިލު ފާސްކުރީ ކޮމިޓީ ބާއްވާ ކޮޓަރީގައި 20 މިނެޓަށް ވުރެ ގިނަ އިރު ހޭދަކުރުމަށް ފަހު ކޮމިޓީން ނުފަށައިގެން އޭނާ ތިރިއަށް ފޭބި ވަގުތު އެވެ.

އޭރު ވެސް ނޫސްވެރިން ތިބީ މަޖިލީހުގައި ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކޮށްގެން ކޮމިޓީއަށް ވަނުމަށް ވެއިޓިން އޭރިއާގަ އެވެ. ކޮމިޓީ އަލުން ބޭއްވީ ޕެޓިޝަނުގެ ވާހަކަ ދެއްކުމަށެވެ.

"އެ ބޭފުޅުން ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމުގެ ފަރުވާ އަޅުގަނޑުމެން ހުށަހެޅި އިސްލާހުތަކާ އެކީ ލިބިގެން ގޮސްފައިވާ ކަމަށް ދަންނަވަން،" ޕެޓިޝަނަށް ޖަވާބު ދޭން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެވެ.

އެގޮތަށް ހުށަހެޅި ނަމަވެސް، ޕެޓިޝަނުގައި ހުރި އެއްވެސް ކަމަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ހައްލެއް ނުލިބެ އެވެ. އިތުރަށް ބިލު ވަނީ ހަރުކަށި ކޮށްފަ އެވެ.