Advertisement

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބިލު ފާސްކުރަން މާދަމާ މަޖިލިސް ޖަލްސާއެއް ބާއްވަނީ

15 ސެޕްޓެންބަރު 2025 - 14:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބިލު ފާސްކުރަން މާދަމާ މަޖިލިސް ޖަލްސާއެއް ބާއްވަނީ

15 ސެޕްޓެންބަރު 2025 - 14:44 0

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.

ޖަލްސާގެ އެޖެންޑާ މިހާތަނަށް ހާމަނުކުރި ނަމަވެސް ބެލެވޭ ގޮތުގައި މާދަމާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްކުރާނެ އެވެ. އެ ބިލު އޮތީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގަ އެވެ.

މިވަގުތު ވެސް ކޮމިޓީ ބައްދަލުވުމެއް ކުރިއަށްދާއިރު ބިލުގެ ސުންގަޑި މިރޭ 23:59 އަށް ހަމަވާނެ އެވެ. ސަރުކާރު މެންބަރުން އޮތީ ބޭނުންވާ އިސްލާހުތަކާއެކު ކޮމިޓީން ބިލު ފާސްކުރަން ހުށަހަޅާފަ އެވެ.

އެ ކޮމިޓީގައި އިންނަވާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރު މީކާއިލް ނަސީމް ގެންދަވަނީ އަދިވެސް އިސްލާހު ހުށަހަޅުއްވަމުންނެވެ. ނަމަވެސް، ބިލު ފާސްކުރަން ވޯޓަށް އަހާނީ މި އިސްލާހުތަކަށް ވޯޓަށް އެހުމަށް ފަހު އެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.

ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ.