Advertisement

އެޑިޓާސް ގިލްޑުގެ ރައީސްކަމުން ހިރިގާ ޒާހިރު އިސްތިއުފާ ދީފި

15 ސެޕްޓެންބަރު 2025 - 12:06 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެޑިޓާސް ގިލްޑުގެ ރައީސްކަމުން ހިރިގާ ޒާހިރު އިސްތިއުފާ ދީފި

15 ސެޕްޓެންބަރު 2025 - 12:06 0

ރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސްގެ މަގާމުން ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހްމަދު ޒާހިރު އިސްތިއުފާ ދީފި އެވެ.

މިއަދު އެކްސްގައި ހިރިގާ ލިޔުއްވި ގޮތުގައި އެ ޖަމިއްޔާގެ ގިނަ މެންބަރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމާ ގުޅިގެން ޖަމިއްޔާ އޮތީ ޕެރަލައިޒް ވެފަ އެވެ. ރާއްޖޭގައި އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ މަސައްކަތް ކުރަމުންދާއިރު އެއްޗެއް ނުބުނެ އޮތިމަކީ ކަންބޮޑުވުމެއް ކަމަށް ހިރިގާ ލިޔުއްވި އެވެ.

"ހަވީރު" ނޫހުން ނޫސްވެރިކަމުގެ ކެރިއަރު ފެއްޓެވި ޒާހިރު ވަނީ އެ ނޫހުގެ މެނޭޖިން އެޑިޓަރުގެ މަގާމް ފުރުއްވައިފަ އެވެ. މިހާރު ހުންނެވީ "ދައުރު" ގެ މެނޭޖިން އެޑިޓަރުގެ މަގާމުގަ އެވެ.

ޒާހިރު ވަނީ ނޫސްވެރިކަން ކުރިއަރުވައި، ނޫސްވެރިން ތަރައްގީ ކުރެއްވުމަށް މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން، 2006 ވަނަ އަހަރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ނޫސްވެރިންގެ ޖަމިއްޔާއެއް ޒާހިރު އިސްކޮށް ހުންނަވައި އުފެއްދެވި އެވެ. އެ ޖަމިއްޔާގެ ރައީސްކަން ވެސް ޒާހިރު ކުރެއްވި އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ ޒާހިރަށް މީޑިއާ ކައުންސިލުންދޭ އަލިމަސް ގަލަން ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

އޭގެއިތުރުން، ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓުން ދޭ ރެކޮގްނިޝަން، ފެލޯ ޖާނަލިސްޓްގެ ޝަރަފާއި ދިވެހި ނޫސްވެރިކަމުގެ ހިދުމަތުގެ ރިހި ގަލަން ވެސް ލިބިވަޑައިގަތެވެ.