Advertisement

ސީނިއާ ގައުމީ ޓީމުގެ ކާމިޔާބީން ޒުވާން ޓީމު ހިތްވަރު ހޯދާނެ

14 ސެޕްޓެންބަރު 2025 - 12:53 0


ސީނިއާ ގައުމީ ޓީމުގެ ކާމިޔާބީން ޒުވާން ޓީމު ހިތްވަރު ހޯދާނެ

14 ސެޕްޓެންބަރު 2025 - 12:53 0

ފާއިތުވި ހަފްތާގައި ސްރީ ލަންކާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިިއަންކަން ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ހޯދުމާ އެކު، އެ ކާމިޔާބީން 17 އަހަރުން ދަށުގެ ގައުމީ ޓީމުން ސްރީ ލަންކާގައި ކުޅޭ އެ އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕްގައި ހިތްވަރު ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ވަނީ ބުނެފި އެވެ.

މާދަމާ އިން ފެށިގެން މި މަހު 27 ވަނަ ދުވަހުގެ ނިޔަަލަށް ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، ބޫޓާނާއި ޕާކިސްތާން އަދި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. މުބާރާތުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސޮބާ އަށް ވަނީ، ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީއާ ގުޅޭ ސުވާލެއް އަމާޒުވެފަ އެވެ.

"(ރާއްޖޭގެ) ސީނިއާ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެ ކާމިޔާބު ހޯދާކަމަށްވާނަމަ، އެއީ ޒުވާން ޓީމުތަކަށް އަދި، އަރައަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ލިބޭނެ މޯޓިވޭޝަނެއް. އޭގެ އަސަރު ސަޕޯޓަރުން ކިބައިން ވެސް ފެންނާނެ،" އެފްއޭއެމް އިން އާ ލީޑަޝިޕެއްގެ ދަށުން މަސައްކަތް ފަށައި، ލިބުނު ކާމިޔާބެއް ގޮތަށް ފާހަގަކޮށް ސޮބާ ބުންޏެވެ.

ޒުވާން ކުޅުންތެރިންނާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ސޮބާ ބުނީ އުމުރުފުރާ ލެވަލްގައި ވެސް ރާއްޖޭގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށެވެ.

ގްރޫޕް ބީގައި ރާއްޖޭން ވާދަކުރާއިރު، ފުރަތަމަ މެޗުގައި ނުކުންނާނީ އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، ހުކުރު ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. އޭގެ ތިން ދުވަސް ފަހުން، ބޫޓާނާ ކުޅޭނެ އެވެ.

ކޮންމެ މެޗަކާ މެދު ވިސްނުން ބަހައްޓައި، ރޭވުންތެރިކަން ގެންދާނީ ވަކި ގޮތަކަށް ކަމަށް ފާހަގަކޮށް، ސޮބާ ބުނީ 18 ދުވަހުގެ ތަމްރީންތަކަށް ފަހު، ފުރަތަމަ ފޯކަސް ބަހައްޓާނީ އިންޑިއާ މެޗަށް ކަމަށެވެ. އެކަމަކު، ސޮބާ ވަނީ ތައްޔާރުވާން ބޭނުންވާ ވަރުގެ ފުރުސަތެއް ބައިނަލްއަގުވާމީ ލެވަލްގައި ލިބިފައިނުވާ ކަމަށެވެ.

ލަންކާގައި ބޭއްވި ސުޕަ ކަޕްގައި، ރާއްޖޭގެ ސިނިއާ ޓީމަށް ކުޅުނު 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ވެސް ވަނީ 17 އަހަރުންދަށުގެ ސްކޮޑްގައި ހިމަނައިފަ އެވެ. އެކަމަކު، އިލާން، ޒުވާން ޓީމާ ގުޅޭނީ މާދަމާރޭ ކްލަބް އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ ސީޒަން ހުޅުވާ މެޗަށް ފަހު އެވެ.