Advertisement

ފުޑް ސެކިއުރިޓީ ހޯދާނީ ދަނޑުވެރިކަމުން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަނީ

11 ސެޕްޓެންބަރު 2025 - 14:03 1

އަމަން ހަލީމް

އަމަން ހަލީމް

ދަތުރުވެރިންގެ މާރުކޭޓުގައި އަނބު ވިއްކަން ހުރި މީހެއް: މިހާރު މާރުކޭޓުގައި ވެސް ގިނައިން ވިއްކަން ހުންނަނީ އިމްޕޯޓު އުފެއްދުންތައް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފުޑް ސެކިއުރިޓީ ހޯދާނީ ދަނޑުވެރިކަމުން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަނީ

11 ސެޕްޓެންބަރު 2025 - 14:03 1

ފުޑް ސެކިއުރިޓީ ކަށަވަރުކުރުމުގެ ނަމުގައި ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ބާވަތްތައް އެތެރެކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

ސަރުކާރުން ވަނީ އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެއިތުރުން މުގާއި ބިހާއި އަލުވި ގަނޑުކޮށް އެތެރެކޮށްގެން ވިއްކަން ފަށަން އެސްޓީއޯއަށް އަންގަން އިއްޔެ ނިންމާފަ އެވެ. މިކަން އިއުލާނުކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމު ކުރުމަށް ކަނޑައެޅުއްވި ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

"ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އެސްޓީއޯ މެދުވެރިކޮށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު ތިރިކުރަން ސަރުކާރުން ނިންމާފައި މިވަނީ، ބައެއް މޭވާ އާއި ތަރުކާރީގެ އަގު ރެކޯޑު މިންވަރަކަށް އުފުލުނު ވަގުތެއްގަ އެވެ. ސަރުކާރުގެ ނިންމުމަށް ތަރުހީބު ދިން މީހުން ވަނީ މިކަން ފާހަގަކޮށް، މިއީ އަގުތައް ތިރިކުރަން ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް މި ނިންމުމަށް ފާޑުކީ މީހުން ވަނީ، މިއީ ފުޑް ސެކިއުރިޓީ މައްސަލައަށް ވަށައިޖެހޭ ހައްލެއް ބަދަލުގައި އަމިއްލަ ވިޔަފާރިތަކުގެ ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ހޯދި ވަގުތީ ހައްލެއް ކަމަށް ބުނެފަ އެވެ.

މި މޭރުމުން ހިޔާލު ފާޅުކުރެއްވި އެކަކަކީ ވިޔަފާރިވެރިޔާ މުހައްމަދު ފިރާގެވެ. މި ނިންމުން އިއުލާންކުރައްވާ އެކްސްގައި މުއިއްޒު ލިޔުއްވި ޕޯސްޓަށް ކޮމެންޓު ކުރައްވަމުން އޭނާ ވިދާޅުވީ، ގައުމެއްގެ ފުޑް ސެކިއުރިޓީއަކީ އެ އިރެއްގައި ބޭނުންވާ ވަރަށް ކާބޯތަކެތި ލިބެން ހުރުން ނޫން ކަމަށާއި އެއީ ދުރު ރާސްތާގެ ވިލުންތެރިކަން ކަމަށެވެ.

"މިކަމަށް ބޭނުންވަނީ އެތެރޭގެ ދަނޑުވެރިކަން ފަށައި، ވަރުގަދުކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ބަލިމަޑުކަމާއި، ނުވަތަ ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުން ފަދަ ލޮޅުންތަކަށް ކެތްކުރެވޭ ވަރަށް އިމްޕޯޓާއި، ސްޓޯރޭޖާއި، ޑިސްޓްރިބިއުޝަން ސިސްޓަމްތަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ވަރުގަދަކަން ކަށަވަރުކުރުން،" ފިރާގު ލިޔުއްވާފައި ވެ އެވެ.

ފިރާގުގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ހަގީގީ މާނައިގައި ފުޑް ސެކިއުރިޓީ ކަށަވަރުކުރަން ބޭނުން ވަނީ ދަނޑުވެރިކަމުގެ އިންވެސްޓުމަންޓުތައް އިތުރުކުރަން ގޮވާލާފަ އެވެ. ބައެއް މީހުން ވަނީ އެތެރެކުރަން ނިންމި ބައެއް ބާވަވްތަކުގެ ތެރޭގައި ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް ވެސް ހިމެނޭ ކަން ފާހަގަކޮށްފަ އެވެ. އަދި އިމްޕޯޓުތައް ސަބްސިޑައިޒްކޮށްގެން ތަކެތީގެ އަގު ހެޔޮ ކުރުމަކީ ފުޑް ސެކިއުރިޓީ ނޫން ކަމަށް ވެސް މީހަކު ބުނެފައި ވެ އެވެ.

"ފިޔާ، ބިސް، މޭވާ އަދި ތަރުކާރީގެ އިމްޕޯޓުތައް ސަބްސިޑައިޒް ކުރުމަކީ ފުޑް ސެކިއުރިޓީއެއް ނޫން. އަސްލު ފުޑް ސެކިއުރިޓީއަކީ އަގު ހެޔޮ އިމްޕޯޓުތަކެއް ނޫން، އޭގެ މާނައަކީ އަހަރަމެން އަމިއްލައަށް އުފައްދައިގެން ބަރޯސާވުން ކުޑަކުރުން." އިބްރާހިމް މުހައްމަދު ނަމަކަށް ޖަހާފައި ހުރި މީހަކު އެކްސްގައި ބުންޏެވެ.

އެސްޓީއޯއާ ހަވާލުކޮށްފައިވާ އެއް މަސައްކަތަކީ އަސާސީ ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑުލާއި ހަކުރާއި ފުށް ރާއްޖެ އެތެރެކޮށް ވިއްކުމެވެ. މި ބާވަތްތައް އެސްޓީއޯއިން ވިއްކަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތަކުގައި، އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ސަބްސިޑީގެ ގޮތުގައި ލިބޭ ގޮތަށެވެ.

އޭގެ އިތުރުން، ރޯދަ މަސްމަހުގައި އާއި އެ ނޫން ދުވަސްވަރުގައި ވެސް އަގު އުފުލޭ ފަހަރުތަކުގައި، އަގު އުފުލޭ ބާވަތް އެތެރެކޮށްގެން އެސްޓީއޯއިން ވިއްކަ އެވެ. ދާދި އިހަކަށް ދުވަހު އެ ކުންފުނިން ވަނީ ބާޒާރުގައި އޮރެންޖު އަގު އުފުލިފައި ވާތީ، އަގުތައް ތިރިކުރަން ބާރު އެޅުމުގެ ގޮތުން ބާޒާރުގައި ހުރި އަގަށް ވުރެ ހެޔޮ އަގެއްގައި އޮރެންޖު ވިއްކަން ފަށާފަ އެވެ.

މިކަހަލަ ހާއްސަ ހާލަތްތަކުގައި އެސްޓީއޯ މެދުވެރިކޮށް ބާޒާރުގެ ސަޕްލައި ކޮންޓްރޯލް ކުރިޔަސް، ދާއިމީކޮށް މިފަދަ ވިޔަފާރިއެއްގައި ބައިވެރިވުމަކީ ޕްރައިވެޓު ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި ވެސް މުއިއްޒުގެ ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައި ވެ އެވެ. އަދި އަސްލު މައްސަލައަކީ ޑޮލަރު މައްސަލަ ކަމާއި އެކަން ހައްލުކުރަން ވެސް މީހުން ގޮވާލާފައި ވެ އެވެ.

ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު އުފުލޭ މައްސަލައިގައި މި ނޫހާ ވާހަކަ ދެއްކި އިމްޕޯޓަރުން ވެސް ބުނީ ޑޮލަރުގެ އަގު ބޮޑު ވުމުގެ އިތުުރުން ބޭނުންވާ ވަރަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ސަޕްލައިއަށް ކުރިން ނާރާ ވަރަށް ބުރޫއަރަމުން އަންނަ ކަމަށެވެ. މި ފަހުން ބާޒާރުގައި އާފަލާއި އޮރެންޖުގެ އަގު އުފުލުނީ ވެސް ސަޕްލައި ދަށްވީ ދަނޑިވަޅެއްގައި ކަމަށް ވެސް އެ ވިޔަފާރިތަކުން ބުންޏެވެ.

"ޑޮލަރު އަގު ބޮޑީކީ އެކަންޏެއް ނޫން. ބޭނުންވާ ވަރަށް ގަންނަން ވެސް ގިނަ ފަހަރު ނުލިބޭ. ދެން ޝިޕްމަންޓު ނުޖެހިގެން ލަސް ވަނީ," ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބޮޑު އިމްޕޯޓު ކުންފުންޏެއްގެ ވެރިއަކު ބުންޏެވެ.

އާންމުކޮށް ބޭނުންކުރާ ކާނާގެެ ބާވަވްތަކުގެ މައްސަލަ ހައްލުކުރަން އެސްޓީއޯއާ ހަވާލުކުރުމުގެ ކުރިން ވެސް ސަރުކާރުން އައީ އަމިއްލަ ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ނިންމުންތައް ނިންމަމުންނެވެ. އޭގެ ތެރޭގައި ސަރުކާރި ކުންފުނިތަކާ ގިނަ މަޝްރޫއުތައް ހަވާލުކުރުމާއި އައިނު ވިޔަފާރިއަށް ވަނުމާއި ސަރުކާރުގެ އޮފީސް އިމާރާތްތައް ފޮޅާ ސާފުކުރުމުގެ ކަންކަން ވެމްކޯއާ ހަވާލުކުރުން ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން ސަރުކާރުން ވަނީ ބޭހާއި މެޑިކަލް ސާމާނު އެތެރެކުރާ ވިޔަފާރިތަކަކީ މާފިއާއެއްގެ ގޮތުގައި ސިފަކޮށް، ބޭސް ނުލިބޭ މައްސަލަ އެ ވިޔަފާރިތަކާ މަތިކޮށްފަ އެވެ. މިކަން އެސްޓީއޯއާ ހަވާލުކޮށްގެން ކުރަމުން އަންނައިރު، މިފަހުން ވަނީ މިކަމަށް ހާއްސަ ކުންފުންޏެއް ވެސް އުފައްދާފަ އެވެ.