Advertisement

ރިޓަޔަމެންޓް އުވާލުމުގެ ވިސްނުމެއް ނޯޔާގެ ނެތް

11 ސެޕްޓެންބަރު 2025 - 07:13 0


ރިޓަޔަމެންޓް އުވާލުމުގެ ވިސްނުމެއް ނޯޔާގެ ނެތް

11 ސެޕްޓެންބަރު 2025 - 07:13 0

މިއުނިކް (ސެޕްޓެމްބަރު 11) - މީގެ އެއް އަހަރު ކުރިން ޖަރުމަނު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ގޯލްކީޕަރު، މެނުއަލް ނޯޔާ، ރިޓަޔާމެންޓް އުވާލުމަށްފަހު އެނބުރި އަންނަން އުޅޭ ވާހަކަ ދޮގުކޮށްފި އެވެ.

އުމުރުން 39 އަހަރުގެ ނޯޔާ، މިދިޔަ އަހަރުގެ އޮގަސްޓް މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި އެވެ. އޭނާ ޖަރުމަނު ގައުމީ ޓީމަށް ކުޅެދިން ފަހު މެޗަކީ، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުގަ އެވެ. ނޯޔާ، ޖަރުމަނު ޓީމުގެ ކެރިއަރަށް ނިމުން ގެނައީ، 124 މެޗު ކުޅެދިނުމަށް ފަހު އެވެ.

ޖަރުމަނުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު އޮތްއިރު، އެ ޓީމުގެ ގޯލު ބަަލަހައްޓަމުން އައި މާކް އަންދްރޭ ޓާ ސްޓެގެން ހުރީ އޮޕަރޭޝަނެއްކޮށް ކުުޅުމާ ދުރުގަ އެވެ. އެހެންވެ، ނޯޔާ، އެނބުރި ގައުމީ ޓީމަށް އަންނަ ވާހަކަ ވަނީ ގަދަވެފަ އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ގާތުގައި ނުވެސް އަހާ (ގައުމީ ޓީމަށް އެނބުރި އަންނަން). އަހަރެން ވަރަށް ރަނގަޅަށް ވިސްނާފައި ނިންމި ނިންމުމެއް އެއީ ގައުމީ ޓީމުން ރިޓަޔާކުރަން، އެހެންވީމަ، އަނބުރާ ދިއުމަކީ އަހަރެން ވިސްނާ ކަމެއް ނޫން،" ނޯޔާ ބުންޏެވެ.

ޖަރުމަނު ޓީމަށް 2009 ވަނަ އަހަރު ކުޅެން ފެށި ނޯޔާ ވަނީ، ޖަރުމަނު ޓީމަށް ބައިނަލްއަގުވާމީ ބޮޑު އަށް މުބާރާތުގައި ކުޅެފަ އެވެ. އޭގެ ތެރޭގައި، 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުރިން އޭރު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ ނޯޔާ އަށް ޓީމުގެ ކެޕްޓަންކަން ދީފަ އެވެ.

ނޯޔާ އަތުން ބޭންޑް ނެގީ މިދިޔަ އަހަރު އެވެ. އޭނާ އަތުން ބޭންޑް ނެގުމަށް ފަހު ހަވާލުކުރި މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން ވެސް ވަނީ މިދިޔަ އަހަރު ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ.

ހަމުގެ ކެންސަރަށް ތިން ފަހަރު ފަރުވާ ހޯދި ނޯޔާ އަށް މިދިޔަ އަހަރުތަކުގައި އެކި އަނިޔާގެ މައްސަލަތައް ވެސް ދިމާވި އެވެ. ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ނޯޔާ ފޯކަސް ކުރާނީ ކްލަބް ކެރިއަރު ކުރިއަށްގެންދިއުމަށެވެ. ޝާލްކާގެ ކުރީގެ ކީޕަރު ނޯޔާ ވަނީ ދާދި ފަހުން ބަޔާންގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.