5 ސެޕްޓެންބަރު 2025 - 07:07 0
5 ސެޕްޓެންބަރު 2025 - 07:07 0
ސޯފިއާ، ބަލްގޭރިއާ (ސެޕްޓެމްބަރު 5) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށިއިރު، ބަލްގޭރިއާ އަތުން 3-0 އިން ސްޕެއިން މޮޅުވިއިރު، ސްލޮވާކިއާ އަތުން 2-0 އިން ޖަރުމަނު ބަލިވެއްޖެ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ޓާގެޓެއް ކަނޑައަޅާފައި އޮތް ޖަރުމަނުން ކޮލިފައިން ފުރަތަމަ މެޗުގައި ނާކާމިޔާބީއާ ކުރިމަތިލިއިރު، އެ ޓީމު މި ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އެވެ. އެންމެ ފަހުން ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުން، ފްރާންސް އާއި ޕޮލެންޑް އަތުން ވެސް ވީ ބައްޔެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ރެކޯޑެއް އޮތް ޖަރުމަނުން މި ފަހަރުގެ ކޮލިފައިން ބައްޔަކުން ފަށަން ޖެހުނުއިރު، އަމިއްލަ ދަނޑުގައި ކުޅުނު ސްލޮވާކިއާ އިން ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި މެޗުގައި ސްލޮވާކިއާގެ ލަނޑުތައް ޖެހީ، ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ.
މެޗުގެ 42 ވަނަ މިނިޓްގައި ސްލޮވާކިއާގެ ފުރަތަމަ ލަނޑު ޖެހީ، ޑޭވިޑް ހަންކޯ އެވެ. އަދި، މެޗުގެ 55 ވަނަ މިނިޓްގައި ސްލޮވާކިއާގެ ފޯވާޑް، ޑޭވިޑް ސްޓްރެެލެކް ދެ ވަނަ ލަނޑު ޖެހި އެވެ. ހަންކޯ އަށް ފުރަތަމަ ލަނޑުގައި ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ސްޓްރެލެކް އެވެ.
މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން، ލަގްޒެމްބާގް އަތުން ނޮދަން އަޔަލެންޑް 3-1 އިން މޮޅުވި އެވެ.
ރަށުންބޭރުގައި ކުޅުނު ސްޕެއިނަށް ރޭގެ މެޗުގައި ބަލްގޭރިއާ ކޮޅަށް ލަނޑުތައް ޖަހައިދިނީ، މިކޭލް އޮޔާޒަބާލް، މާކް ކުކުރޭއާ އަދި މިކޭލް މެރީނޯ އެވެ. މި ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.
ސްޕެއިން ހިމެނޭ ކޮލިފައިން ގްރޫޕް އީގައި ރޭ ޖޯޖިއާ އަތުން 3-2 އިން ތުރުކީ ވަނީ މޮޅުވެފަ އެވެ.
Comment