10 ސެޕްޓެންބަރު 2025 - 17:06 0
ސާއިފް ޝިޔާދު
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ވޯޓަށް އެހުމުން ޕީއެންސީގެ މެންބަރުން ވޯޓު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ
10 ސެޕްޓެންބަރު 2025 - 17:06 0
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ދިރާސާ ކުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސިއްރު ކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ސިއްރު ކުރަން މިއަދު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުالله ޝަރީފް އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ހުސައިން އެވެ.
ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރު ކުރީ އެ ބަހަނާ ދެއްކުމަށްފަހު އެވެ.
"ސީޕީޖޭ އިން އަނެއްކާވެސް ރައީސް މުއިއްޒުގެ ކިބައިން ގޮވާލަނީ ޑިމޮކްރެސީއާ ހިލާފު މި އަމަލު ހުއްޓާލައި، ނޫސްވެރިންނާއި އާންމުންނަށް މިނިވަންކަމާއެކު މައުލޫމާތު ހިއްސާ ކުރުމާއި މަޝްވަރާ ކުރުމުގެ އަސާސީ ހައްގުތައް ހޯދައިދިނުމަށް،" ސީޕީޖޭއިން ބުނެފައިވެ އެވެ.
މަޖިލިސް ގަވާއިދާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމުން މިއަދު ކޮމިޓީ ކަވަރު ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކޮމިޓީ ސިއްރު ކުރަނީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް ނޫސްވެރިންގެ އެ ސުވާލުތަކަށް ކޮމިޓީގެ މެންބަރުން ޖަވާބެއް ނުދެއްވި އެވެ.
ކޮމިޓީ މެންބަރުންނާ ތަކުރާރުކޮށް އެ ސުވާލު ކުރަން ފެށުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ ކޮމިޓީ ބައްދަލުވުން އޮތް ކޮޓަރިން އެ ނޫސްވެރިން ގަދަބާރު ބޭނުންކޮށްގެން ދަމާ ކޫއްތައި ނެރެފަ އެވެ.
މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment