11 ސެޕްޓެންބަރު 2025 - 11:04 0
މިދިޔަ އަހަރު ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަނީ:
11 ސެޕްޓެންބަރު 2025 - 11:04 0
މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލު ކުރާ މެންބަރަކު އައްޔަން ކުރަން ވަޒީރުންގެ މަޖިލީހުން ނިންމިތާ އެއް އަހަރާއި ހަތް މަސްދުވަސް ފާއިތުވިއިރު ވެސް އެކަން ކޮށްފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މަސްވެރިންގެ މެންބަރަކު މިފްކޯގެ ބޯޑަށް އައްޔަން ކުރާ ގޮތަށް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން އިއުލާނު ކުރަނީ ޖެނުއަރީ 28، 2024، ގަ އެވެ. ނަމަވެސް މިފްކޯއިން ބުނީ މަސްވެރިން ތަމްސީލު ކުރާނެ ބޯޑު މެންބަރަކު މިހާތަނަށް ވެސް އެ ކުންފުންޏަށް އައްޔަންކޮށްފައިނުވާ ކަމަށެވެ.
"ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މަސްވެރިން ތަމްސީލު ކުރާނެ މެންބަރަކު އައްޔަން ކުރެވޭތޯ މި މަސައްކަތް ކުރަނީ،" މިފްކޯގެ ސީނިއާ މެނޭޖަރު ޕީއާރު، ޝިފްޒާ މުސްތަފާ ވިދާޅުވި އެވެ.
މިފްކޯގެ ބޯޑަށް އާންމު މެންބަރަކު އައްޔަން ކުރަން ބޭނުން ނަމަ އެ ކުންފުނީގެ ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެންނަންޖެހޭނެ އެވެ. އެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރިން ތަމްސީލު ކުރާ މެންބަރަކު ބޯޑަށް އައްޔަން ކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ މަސްވެރިންގެ ތެރެއިން ބޯޑަށް އައްޔަން ކުރާނީ "ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ" މެންބަރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް މިވަގުތަށް ހިމެނުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް އިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް އައްޔަނުކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު އެމަނިކުފާނު ނިންމެވި،" ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.
މަސްވެރިންނަށް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދައިގެން މަސްވެރިން ވަނީ މިދިޔަ އަހަރު ބޮޑު ތިން މުޒާހަރާއެއްކޮށްފަ އެވެ. އެންމެ ބޮޑު މުޒާހަރާއެއް ކުރީ މަސް ގަތުމަށްފަހު ސަރުކާރުން ފައިސާ ނުދޭތީ އެވެ. އޭގެ ފަހުން ސަރުކާރުން ކުރި ކަމަކީ، މަހުގެ އަގު ބޮޑުތަނުން ކުޑަ ކުރުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުން ފެށީ އެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އެ ކުންފުންޏަށް ޑިސެމްބަރު، 2024، ގައި ބިދޭސީ ސީއީއޯއަކު އައްޔަން ކުރި އެވެ. އެކަމަކު، ސިޔާސީ ނުފޫޒުން މިފްކޯ ސަލާމަތް ކުރަން ކުރި މަސައްކަތްތަކެއް ކުރި ފަހުން މާޗް، 2025، ގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އޭގެ ފަހުން ސީއީއޯގެ މަގާމަށް އައްޔަން ކުރީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރެވެ.
Comment