Advertisement

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕެންޓްހައުސް ގަތް މައްސަލައިގެ ޝަރީއަތް ފަށައިފި

10 ސެޕްޓެންބަރު 2025 - 10:53 0

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: އެފްއޭއެމްގެ ގިނަ ފައިސާތަަކަށް ހިޔާނާތްތެރިވުމުގެ ތުހުމަތު ކުރެވޭ --- ފޮޓޯ: އަތޫފް އާތިފް/އަދަދު


އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕެންޓްހައުސް ގަތް މައްސަލައިގެ ޝަރީއަތް ފަށައިފި

10 ސެޕްޓެންބަރު 2025 - 10:53 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލް ހުންނަވައިގެން، އެ އެސޯސިއޭޝަނުގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތް އިއްޔެ ފަށައިފި އެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް ތުހުމަތުކުރަމީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި ކަމަށެވެ.

ބައްސާމަށް ތުހުމަތު ކުރަނީ މި ފައިސާ ދައްކަން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވީ ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާ އެވެ.

އިއްޔެ ޝަރީއަތް ފެށިއިރު، ބައްސާމްގެ ވަކީލެއް ނެތެވެ. އަދި އޭނާ ވަަނީ ވަކީލަކައިގެން ކުރިއަށް ދާން ބޭނުން ވާތީ ވަކީލެއް އައްޔަނުކުރަން އިތުރު ފުރުސަތެއް ދިނުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ވަނީ މި މައްސަލައިގައި ދައުވާ ކުރިތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ އިތުރު ފުރުސަތެއް ނުދީ އިބުތިދާއީ މަރުހަލާ ފަށަން ނިންމާފަ އެވެ.

ދައުލަތުން ދައުވާ އިއްވުމުން ގާޒީ ވަނީ މި މައްސަލައިގައި އިތުރު ލިިޔެކިޔުންތަކެއް ލިބިފައިވާތީ އެ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތު ދީފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަކީލެއް އައްޔަނުކުރެވުނަސް އަދި ނުކުރެވުނަސް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި އަޑުއެހުން ތާވަލުކުރަނީ މި މަހުގެ 26 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދޭތެރޭގެ ދުވަހެއްގައި ކަމަށް ވިދާޅުވެ ގާޒީ ވަނީ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

ބައްސާމްގެ މައްޗަށް ދައުވާ އުފުލާފައިވާ ހިޔާނާތުގެ އަނެއް މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، އެ މައްސަލަ އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކާ ހިސާބުގަ އެވެ. މި މަހުގެ ފަހުކޮޅަށް އެ މައްސަލައިގެ އަޑުއެހުންތަކެއް ތާވަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.