Advertisement

ބޭސް އެތެރެކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި

9 ސެޕްޓެންބަރު 2025 - 16:58 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، ހެލްތު މިނިސްޓަރު ނާޒިމް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ހަލީމް އާއެކު ---- ފޮޓޯ: ރައީސް އޮފީސް


ބޭސް އެތެރެކުރަން ސަރުކާރުން ކުންފުންޏެއް އުފައްދައިފި

9 ސެޕްޓެންބަރު 2025 - 16:58 1

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެ ކުންފުނި އުފެއްދީ މިއަދު ކަމަށެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ކުންފުނި އުފެދުމާއެކު ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރުކާރުގެ ކުންފުނި، އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.

އެ ވާހަކަތަކަށްފަހު ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ މެއި، 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ދުވަހު ވެސް ރައީސް ވަނީ އެކަމުގެ ޒިންމާ ސަރުކާރުން ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިން ކުށްވެރިކުރައްވައި ވާހަކަދައްކަވައިފަ އެވެ

ބޭސް ގެނައުމުގެ ވާހަކަ އިތުރަށް ދައްކަވަމުން ރައީސް ވަނީ އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަމިއްލަ ވިޔަފާރިތަކުން މަސައްކަތް ކުރަމުންދިޔައީ ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ފައިދާ ނަގައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަލަށް އުފެއްދި ކުންފުނީގެ އިސް މަގާމުތަކަށް މިހާތަނަށް އެއްވެސް މީހަކު އައްޔަން ކުރި ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.