9 ސެޕްޓެންބަރު 2025 - 13:51 0
9 ސެޕްޓެންބަރު 2025 - 13:51 0
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އޮޅުވާލުމާއި މަކަރު ހެދުމުގެ މައްސަލައާ މޯލްޑިވްސް ކްރިކެޓް ބޯޑް (ސީބީއެމް)އާ ގުޅުމެއް ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ. .
ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވާސިޓީތަކުން ޕްލޭސްމަންޓު ހޯދައިދޭނެ ކަމަށް ބުނެ ޒީޑު އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ސްކޭމް ކުރަމުން އަންނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ފުލުހުން ވަނީ މިއަދު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ، ސްރީ ލަންކާގެ ރައްޔިތެއް ކަމަށް އެނގިފައިވެ އެވެ. ޒީޑް އިންޓަނޭޝަނަލް އަކީ ކްރިކެޓް ބޯޑުގައި މަސައްކަތް ކުރާ އަބްދުﷲ އިމާދު އިސްމާއިލްގެ ނަމުގައި ހިންގާ ކުންފުންޏެކެވެ. އެތަން ހިންގަނީ ވެސް ކްރިކެޓު ބޯޑުގެ އޮފީހުގައި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން، ކްރިކެޓް ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެޕްޓެމްބަރު 8 ވީ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފީހަށް ފުލުހުންނާ އެކު، އިތުރު ބައެއް ވަދެގެން އުޅޭ ކަމުގެ ހަބަރު ލިބިގެން އެތަނަށް ބޯޑުގެ ސީނިއާ މެނޭޖްމަންޓު ފަރާތުން ދިޔަ ކަމަށެވެ. އަދި، އެ ތަނަށް ގޮސް ބެލި ބެލުމުގައި ބޯޑުގެ އޮފީސް އިމާރާތަށް ރަަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބޭރުގެ ރައްޔިތަކު ވަދެފައިވާތީ އާއި އަދި އޭނާ އޮފީހަށް ވެއްދުމުގައި ބޯޑުގެ މުވައްޒަފެއް ބައިވެރިވެފައިވާތީވެ، މުވައްޒަފާ މެދު މި ބޯޑުން ފިޔަވަޅު އަޅާފައިވާ ކަމަށް، ކްރިކެޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
އަދި، މި ހިނގި ކަންތައްތަކާ ގުޅިގެން ހަބަރާއި ސޯޝަލް މީޑިއާގައި ކްރިކެޓް ބޯޑުގެ އޮފީސް ބޭނުންކޮށްގެން އޮޅުވާލުމާއި މަަކަރު ހެދުމުގެ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރާތީވެ، މިކަމާ ގުޅޭ ގޮތުން ބޯޑުގެ ރައީސް، މުހައްމަދު ފައިސަލް އާއި އެގްޒެކްޓިވް ކޮމިޓީ މެމްބަރުން ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، މި ކަން ތަހުގީގުކޮށް ކަމުގެ ހަގީގަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ކްރިކެޓް ބޯޑުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ކްރިކެޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
Comment