9 ސެޕްޓެންބަރު 2025 - 12:48 2
ހަސަން މުހައްމަދު
9 ސެޕްޓެންބަރު 2025 - 12:48 2
ބ. ދޮންފަނުން ބިން ހިއްކަން ރައްޔިތުން ނޭދޭ ކަމަށް ވިދާޅުވެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުން އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.
ދޮންފަނު ކައުންސިލު ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ، ދޮންފަނު ބިން ހިއްކަން ނޭދޭ ކަމަށް އެ ރަށުގެ އެއްވެސް މީހަކު ބުނެފައިނުވާނެ ކަމަށެވެ.
"ރައީސް އެ ހެއްދެވީ އިތުރުފުޅެއް. ދޮންފަނު މީހުން ބޭނުންވަނީ ބިން ހިއްކަން. މިވަގުތު ވެސް ރަށުގެ ވަރަށް ގިނަ ރައްޔިތުން އެއްވެ މުޒާހަރާ ކުރަނީ،" އިރުޝާދު ވިދާޅުވި އެވެ.
ދޮންފަނު ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދަން މުއިއްޒު ނިންމެވީ ވަރަށް ގިނަ ފާޑުކިޔުން އެކަމަށް އަމާޒުވި ފަހުންނެވެ. ފާޑުކިޔުން އަމާޒުވި ސަބަބަކީ، ދޮންފަނުން ބިން ހިއްކައިފި ނަމަ އެ ރަށާ ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ހަނިފަރު ބޭ ހަލާކުވާނެތީ އެވެ. ހަނިފަރު ބޭއަކީ ހިމާޔަތްކޮށްފައިވާ ތަނެކެވެ. އެއީ ދުނިޔޭގައި ވެސް އެންމެ ގިނައިން އެންމަޑި ޖަމާވާ ތަނެވެ.
މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ދޮންފަނުން ބިން ހިއްކަން މިހާރު ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އެހެންވެ އެ ޕްރޮޖެކްޓު ދެން ކުރިއަށްނުގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދު ވިން. އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
ދޮންފަނު ފަޅު ހިއްކުމުގެ ޕްރޮޖެކްޓު މުއިއްޒު އިއުލާނު ކުރެއްވީ އޯގަސްޓު 13، ގައި އެ ރަށުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެ ފަޅުން 13 ހެކްޓަރު ހިއްކާނެ ކަމަށެވެ.
"[ދޮންފަނުގެ] ބިމުގެ ޖާގަ ވަރަށްދަތި. އެހެންވީމާ، މި މަޝްރޫއާ އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ހައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ޙައްލު އެ ގެނެވުނީ،" މުއިއްޒު ވިދާޅުވި އެވެ.
Comment