8 ސެޕްޓެންބަރު 2025 - 10:47 0
ލީވާން އަލީ ނާސިރު
ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ އަމާން އުދަރެސްގެ ފްލެޓްތައް: ފުރަތަމަ ދޫކުރަނީ ޒޯން 1 ގައި ހިމެނޭ ފްލެޓްތައް -- ފޮޓޯ: އަދަދު
8 ސެޕްޓެންބަރު 2025 - 10:47 0
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތަރައްގީކުރަން ފެށި ގެދޮރުވެރިޔާގެ ފްލެޓްތައް މި ހަފުތާގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެފްޑީސީގެ އެމްޑީ، ހަމްދާން ޝަކީލް އަދަދު އަށް ވިދާޅުވީ މި ހަފްތާ ތެރޭގައި ދޫކުރަން ފަށާނީ ގެދޮރުވެރިޔާ ސްކީމްގެ ޒޯން 1، އަމާން އުދަރެސްގެ ފްލެޓްތައް ކަމަށެވެ.
"ފުރަތަމަ މި ދޫކުރަނީ ޒޯން 1 ގައި ހިމެނޭ ޓަވަރުތަކުގެ ފްލެޓްތައް. ޒޯން 1 ގައި ހަ ޓަވަރެއް ހިމެނޭ. އޭގެއިން ކޮންމެ ޓަވަރެއްގައި 120 ޔުނިޓް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓްގެ ތެރެއިން 3،032 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހަމްދާން ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތަކަށް މީހުން ވަންނަވާއިރަށް ޔުޓިލިޓީގެ ހިދުމަތް ފުރިހަމަކޮށް ނިމޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ.
ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.
އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. މަހުގެ 10 އެއްގެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.
ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.
Comment