Advertisement

ބޮޑެތި އިނާމުތަކާއެކު ފުވައްމުލަކު "ރަށިބާޒާރޮ" ފަށައިފި

7 ސެޕްޓެންބަރު 2025 - 08:27 0


ބޮޑެތި އިނާމުތަކާއެކު ފުވައްމުލަކު "ރަށިބާޒާރޮ" ފަށައިފި

7 ސެޕްޓެންބަރު 2025 - 08:27 0

"ރަށިބާޒާރޮ" ގެ ނަމުގައި ފުވައްމުލައްސިޓީގައި ބާއްވާ ބޮޑު ނައިޓްމާކެޓެއް މިއަދު ފަށައިފިއެވެ. މިއީ ފުވައްމުލައް ސިޓީކައުންސިލުން އިންތިޒާމްކޮށްގެން މިބާޒާރު ބާއްވާ ތިންވަނަ އަހަރެވެ.

ސެޕްޓެމްބަރު 5، އިން 12 އަށް ބާއްވާ ރަށިބާޒާރޮ ގައި ތަފާތު ވިޔަފާރިވެރިން އެމީހުންގެ އުފެއްދުންތައް ވިއްކައި، ހިދުމަތްތަކާ ގުޅޭ މައުލޫމާތު ބާޒާރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފަ އެވެ.

މިއަހަރުގެ ރަށިބާޒާރޮ ގައި ޖުމްލަ 70 ސްޓޯލް ހުންނާނެ އެވެ. އޭގެ ތެރޭގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލް ހިމެނެ އެވެ.

ރަށިބާޒާރޮ އޮންނަ ކޮންމެ ރެއަކު ވެސް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިބާޒާރުގެ އެންމެ ފަހުރޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި އެއާ ބްލޭޑް 125 ބްލެކްއެޑިޝަން ސައިކަލް، އުމްރާ ދަތުރެއް، ދިރާގު ލިމިޓެއް ނެތް ފައިބާ 100 އެމް ކަނެކްޝަން 12 މަސްދުވަހަށް ހިލޭ އަދި ސޯފާސެޓާއި ސްޓަޑީ ޓޭބަލް، ވޯޓާ ޕިއުރިފަޔާ ފަދަ ބޮޑެތި އިނާމުތައް ހިމެނެ އެވެ.

ފުވައްމުލަކު ޒުވާނުންގެ މަރުކަޒު ގައި ކުރިއަށްދާ ރަށިބާޒާރޮކީ ތަފާތު ވިޔަފާރިތަކަށް ފުރުސަތު ހޯދައިދީ އެކި ވިޔަފާރި ތަކާއި ކެފޭތައް އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި މާކެޓް ކުރުމަށް އެހީތެރިވެ ދިނުމަށާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނޭ ފަދަ ބާޒާރެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ބާޒާރެކެވެ.

އެ ބާޒާރުގެ ސަބަބުން ރަށުގެ އިގްތިސާދު ކުރިއަރައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރަށުގެ އުފެއްދުންތައް އެއްތަނަކުން ލިބޭނެ މަގުފަހިވެގެން ދާނެ އެވެ. އަދި ފަތުރުވެރިކަމަށް ވެސް މިކަމުން އިތުރު ކުރިއެރުން ލިބިގެން ދިއުމަކީ މިބާޒާރު ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފާއިތުވި ދެ އަހަރާ ހިލާފަށް މިއަހަރުގެ ބާޒާރު ފަރުމާކޮށްފައި ވަނީ ބާޒާއެކު ކާނިވަލެއް ވެސް ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން އެޑްވެންޗާ އަޕް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މިކާނިވަލުގައި ތަފާތު އެކި ގޭމްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ.