Advertisement

ޑަބްލިއުޑީސީ ތަކުގެ ބަޖެޓު ބޮޑުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

5 ސެޕްޓެންބަރު 2025 - 23:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު: އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޑަބްލިއުޑީސީތަކުގެ ބަޖެޓު ދެ ގުނަ ބޮޑުކުރައްވާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ޑަބްލިއުޑީސީ ތަކުގެ ބަޖެޓު ބޮޑުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

5 ސެޕްޓެންބަރު 2025 - 23:05 0

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބަޖެޓު އިތުރު ކުރަން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ، އެ ކޮމިޓީތަކުގެ ބަޖެޓަށް ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ.

އެގޮތުން ގެންނަ ފުރަތަމަ ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓަކީ ކައުންސިލުގެ ބަޖެޓުގެ 10 ޕަސެންޓަށް ހެދުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މިހާރު ލިބެނީ ކައުންސިލަށް ލިބޭ ބަޖެޓުގެ ފަސް ޕަސެންޓެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ޖެހޭނީ އެ ކޮމިޓީގެ ބަޖެޓުން ކަމަށް އޮތް އޮތުން ބަދަލުކޮށް، ކައުންސިލްގެ ބަޖެޓުން ރޯދަ އެލަވަންސް ދޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ތަސްދީގުކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ ބަދަލާއެކު މި އަހަރު ރޯދަ މަހުގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރ. ދިނީ އެ ކޮމިޓީތަކުގެ ބަޖެޓުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު, ރޯދަ އެލަވެންސާ ޗުއްޓީތަކުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި މަސައްކަތްތައް ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީ ތަކަށް ވަނީ ލިބިފަ އެވެ.