5 ސެޕްޓެންބަރު 2025 - 07:51 0
5 ސެޕްޓެންބަރު 2025 - 07:51 0
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އޯޕަން ކެޓަގަރީގެ ފިރިހެން ޑަބަލްސް ފައިނަލުން، ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އާއި ފިލިޕީންސްގެ ކައިލް އެޑްރިއަލް ބަސީލިއޯ ޖާގަ ހޯދައިފި އެވެ.
ޑަބަލްސް ސެމީ ފައިނަލްގައި، ފިލިޕީންސްގެ ރޭންކް ހަތަރެއް ކައިލް އާއި ރާއްޖޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، އަޖުފާން ކުޅުނީ، ބަންގްލަދޭޝްގެ ހަސަން ފާކިރު އާއި މުހައްމަދު ނުރޭރް ނޯބީގެ ޕެއާއާ އެވެ. ކައިލް އާއި އަޖުފާންގެ ޕެއާ ސެޓުތައް ގެންދިޔައީ، 21-06، 21-12 އިންނެވެ.
ފައިނަލުގައި އަޖުފާން އާއި ކައިލްގެ ޕެއާ ކުޅޭނީ ރިވައިވަލްގެ ކޯޗު، ބަންގްލަދޭޝްގެ ރިއާޒް މުހައްމަދު އާއި ރިވައިވަލްގެ އަހުމަދު ތޯއިފް މުހައްމަދުގެ ޕެއާއާ އެވެ. ތޯއިފް އާއި ރިއާޒްގެ ޕެއާ އިން ސެމީ ފައިނަލުގައި ވަނީ، މުހައްމަދު ހަލަފް އިމްރާން އާއި ހަސަން ޒަޔާން މުހައްމަދުގެ ޕެއާ އަތުން މޮޅުވެފަ އެވެ. ތޯއިފް އާއި ރިއާޒްގެ ޕެއާ ސެޓުތައް ގެންދިޔައީ، 21-18، 21-17 އިންނެވެ.
ދި ބެޑްމިންޓަން ކްލަބުން ބާއްވާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި އިއްޔެ ވެސް ވަނީ އުމުރުފުރާ ކެޓަގަރީގެ މެޗުތައް ކުރިއަށްގޮސްފަ އެވެ. އުމުރުފުރާގެ ކެޓަގަރީގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.
މި މުބާރާތުގައި، ޖުމްލަ އެކު، އަށް ގައުމަކުން 347 ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި، 700 އަށް ވުރެން ގިނަ މެޗު ކުޅެވިގެންދާއިރު، މިއީ ފަހުގެ ތާރީހެއްގައި ކުޅިވަރު އެކުވެނީގައި ގައުމީ ލެވަލްގެ ކުޅުންތެރިންނާއި އުމުރުފުރާތަކުގެ ކުޅުންތެރިން ހިމެނޭހެން، ރާއްޖޭގެ ބެޑްމިންޓަނުގެ ގިނަ ކްލަބްތައް ޝާމިލުވާ ގޮތަށް ބޭއްވޭ މި ފަދަ ބޮޑު އެއް މުބާރާތެވެ. އަދި، މި މުބާރާތުގައި ވާދަކުރަން ރަށްރަށުގެ ކުޅުންތެރިން ވެސް ވަނީ މާލެ އަތުވެފަ އެވެ.
Comment