4 ސެޕްޓެންބަރު 2025 - 14:04 1
މުހައްމަދު ޝަހްޒާން
ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
4 ސެޕްޓެންބަރު 2025 - 14:04 1
މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭތީ އެކަމާ ހިތްޕުޅާނުވެ، މީޑިއާތަކާއި މީޑިއާތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނުން ލާޒިމު ކުރާ ވާހަކަ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ދައްކަވައިފި އެވެ.
މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފެށީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ މިހާތަނަށް މާލީ ބަޔާން ހުށައެޅުއްވީ 93 މެންބަރުންގެ ތެރެއިން 88 މެންބަރުން ކަމަށެވެ.
މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭން ފެށުމުން އެކަމާ ހިތްޕުޅާނުވެ، އެކްސްގައި ފަލާހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ބަލައިލުމެއް ނެތި ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނުބައިކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލާތައް ރޫޅި ކުށެއް ނެތް އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ފައިސާކޮޅެއް ދޭއިރަށް ފައިސާ ދޭ މީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ނުލިޔެވިދާނެތީތޯ މީޑިއާ ބިލް ކަމު ނުދަނީ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް މީޑިއާ ބިލުގައި ހިމެނުން ކިހިނެއްތޯ؟" ފަލާހު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފަލާހު ވިދާޅުވީ ގައުމުގެ އަމަންއަމާންކަމާއި ސުލްހައަށް ލޯބިކޮށް ތެދު ހަބަރާއި މައުލޫމާތު، ހަގީގަތާ އެއްގޮތަށް ގެނެސްދެނީ ރާއްޖޭގެ ހަތަރު ނޫހަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.
މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭން ފެށުމުން ފަލާހު އެކަމާ ނުރުހުން ފާޅު ކުރެއްވިއިރު، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވެސް ވަނީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މީޑިއާ ބިލު ފާސްކުރަން އިއްޔެ ގޮވާލައްވައިފަ އެވެ.
ނިޒާރު ނުރުހުން ފާޅު ކުރެއްވިއިރު، އޭނާއަކީ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.
މަޖިލީހުގެ ގަވާއިދަށް 20 ވަނަ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރި މެންބަރުން ވެސް އެކަން ކޮށްފައި ވަނީ ގަވާއިދުގައި ބުނާ މުއްދަތު ފަހަނައެޅި ފަހުންނެވެ.
Comment