Advertisement

ރާއްޖެ/ޗައިނާ ގުޅުން: ހަކަތަ އުފެއްދުމުގެ މެގަ ޕްރޮޖެކްޓެއް ހިންގައި އައްޑޫގައި ފިޝަރީޒް ހަބެއް ގާއިމް ކުރަނީ

2 ސެޕްޓެންބަރު 2025 - 19:34 1

ފިޝަރީޒް ހަބު ގާއިމް ކުރުމުގެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއި ކުރަނީ: މީގެ ކުރިން ޗައިނާައާއެކު ސޮއި ކުރި އެއްބަސްވުންތަކުގެ ދަށުން މަސައްކަތެއް ކުރިއަކަށް ނުދޭ -- ފޮޓޯ: ރައީސް އޮފީސް


ރާއްޖެ/ޗައިނާ ގުޅުން: ހަކަތަ އުފެއްދުމުގެ މެގަ ޕްރޮޖެކްޓެއް ހިންގައި އައްޑޫގައި ފިޝަރީޒް ހަބެއް ގާއިމް ކުރަނީ

2 ސެޕްޓެންބަރު 2025 - 19:34 1

އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށާއި އައްޑޫ ސިޓީގައި ފިޝަރީޒް ހަބެއް ގާއިމް ކުރުމުގެ އެއްބަސްވުންތަކުގައި ޗައިނާގެ ކުންފުނިތަކަކާއެކު ސޮއިކޮށްފި އެވެ.

އެ ދެ އެއްބަސްވުމުގައި ސޮއި ކުރީ، ޗައިނާއާއެކު ގުޅުން ބަދަހި ކުރަން މިއަދު ސޮއި ކުރި 11 އެއްބަސްވުމުގެ ތެރެއިންނެވެ. އެ ހުރިހާ އެއްބަސްވުމެއްގެ ސުރުހީއެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ހަކަތަ އުފެއްދުމުގެ އެއްބަސްވުން ހެދީ ޗައިނާގެ ގުއޯޝެން އެނަޖީ ކޯ އެލްޓީޑީއާއެކު އެވެ. އައްޑޫގައި މެރިޓައިމް އަދި ފިޝަރީޒް ލޮޖިސްޓިކް ހަބެއް ގާއިމް ކުރަން ސޮއި ކުރީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު އެވެ.

ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓުގެ ދަށުން ސޮއި ކުރީ ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ހިންގުމަށެވެ. އެ ފޭސްގައި ކުރިއަށްދާނީ 150 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަސައްކަތެވެ.

އެ އެއްބަސްވުންތަކުގައި ސޮއި ކުރި ހަފުލާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ބައިވެެރިވެވަޑައިގެންފަ އެވެ. މިދިޔަ ހުކުރު ދުވަހު މުއިއްޒު ޗައިނާއަށް ވަޑައިގަތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މީގެ ކުރިން ޖެނުއަރީ، 2024، ގައި ވެސް ރައީސް މުއިއްޒު ވަނީ ޗައިނާއަށް ވަޑައިގެން އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އަދި އޭގެ ފަހުން ރާއްޖެއިން ވަނީ ޗައިނާއާއެކު ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ކުރިއަކަށްނުދެ އެވެ.

ޗައިނާއާއެކު މީގެ ކުރިން ސޮއި ކުރި އެއް އެއްބަސްވުމަކީ ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރުމުގެ އެއްބަސްވުމެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ހަމަ ގާދޫގައި އެފަދަ ޕްރޮޖެކްޓެއް ހިންގަން އިންޑިއާއާއެކު ވެސް ސޮއިކޮށްފަ އެވެ،

އިންޑިއާއިން އަސްކަރީ ބަނދަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމުގައި ވެސް ސަރުކާރުން ސޮއި ކުރި އެވެ. އެކަމަކު ފަހުން އެ ޕްރޮޖެކްޓު ވަނީ ފުށިދިއްގަރު ފަޅަށް ބަދަލުކޮށްފަ އެވެ. އަދި އަސްކަރީ ބަނދަރު ހެދުމުގެ ޕްރޮޖެކްޓަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އިންޑިއާއާއެކު ވަކި އެގްރިމެންޓެއް ހެދި އެވެ.