2 ސެޕްޓެންބަރު 2025 - 09:55 0
ރައީސް މުހައްމަދު މުއިއްޒު: ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރާ ގުޅޭ ވޯޓު ނަގަން ރައީސްއަށް ނިންމިދާނެ -- ފޮޓޯ: ރައީސް އޮފީސް
2 ސެޕްޓެންބަރު 2025 - 09:55 0
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގިދާނެ ކަމަށް ބަޔާންކޮށްފައި އޮތް ބިލު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސްޕޮންސާކޮށްގެން ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރި ސަބަބެއް މިއަދު ބޭއްވި ކޮމިޓީގައި މެންބަރުން ހާމައެއް ނުކުރެ އެވެ. އެ ބިލުގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިންނެވެ.
ކޮމިޓީގައި މިއަދު އޮތީ ބިލް ދިރާސާ ކުރުމުގެ މަސައްކަތެވެ. ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންނެވެ. ކޮމިޓީ ސިއްރު ކުރީ ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.
އޭގެ އިތުރުން އާންމުންގެ ވޯޓަކަށް ދެވޭ ކަންކަމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތް އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ހިމެނެ އެވެ.
ފަލާހު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމުންގެ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ނިންމިދާނެ އެވެ. އަދި ގައުމީ މުހިންމު މައްސަލައެއްގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ އެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރުމާ ގުޅޭ އާންމު ވޯޓު ނެގުމަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
Comment