Advertisement

ނޫސްވެރިން އުޅެނީ ސީން ކްރިއޭޓުކުރަން ކަމަށް ބުނެ މަޖިލީހުގެ މުވައްޒަފުންތަކެއް ވާހަކަ ދައްކައިފި

1 ސެޕްޓެންބަރު 2025 - 10:21 1

އަމަން ހަލީމް

އަމަން ހަލީމް

މަޖިލީހުގެ ގެލަރީގައި ނޫސްވެރިން ކުރި ހިމޭން އިހުތިޖާޖު ---


ނޫސްވެރިން އުޅެނީ ސީން ކްރިއޭޓުކުރަން ކަމަށް ބުނެ މަޖިލީހުގެ މުވައްޒަފުންތަކެއް ވާހަކަ ދައްކައިފި

1 ސެޕްޓެންބަރު 2025 - 10:21 1

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރާއިރު، ނޫސްވެރިން އުޅެނީ ސީނެއް ކްރިއޭޓުކުރަން ކަމަށް ބުނެ ނޫސްވެރިންނާ ދެކޮޅަށް އެ ކޮމިޓީގެ އިދާރީ މުވައްޒަފުންތަކެއް ވާހަކަ ދައްކާ އަޑު އޮޅިގެން ލައިވް ކުރެއްވިއްޖެ އެވެ.

މަޖިލީހުގެ ރަސްމީ ޔޫޓީއުބް ޗެނަލްއިން ލައިވްކުރި އޯޑިއޯއެއްގައި މި ވާހަކަތައް މި ގޮތަށް ދެއްކީ މަޖިލީހުގެ ކޮން މުވައްޒަފެއް ކަމެއް ސާފެއް ނޫނެވެ. އޯޑިއޯއިން އިވޭ ގޮތުގައި މި ވާހަކަ ދެއްކި މީހާ ސީން ކްރިއޭޓު ކުރުމުގެ ތުހުމަތު ކުރީ މީޑިއާ ބިލުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ގެލަރީއަށް ވަން ނޫސްވެރިންނަށެވެ.

"މިހާރު އަޅުގަނޑުމެން މީޑީއާ [ބުނާ އެއްޗެއް ސާފެއް ނޫން] އަޅުގަނޑުމެންގެ މީޑީއާއިން އަޅުގަނޑުމެން ބުނިން ރެކޯޑު ކުރާށޭ އަޅުގަނޑުމެން ލައިވް ސްޓްރީމެއް ނުކުރާނެޔޭ. އެއްކަލަ ކަމެއް ވެދާނެތީ އަޅުގަނޑުމެން އަތުގައި އެވިޑެންސް އިންނަން ޖެހޭނެތާ." ކާކުކަން ނޭނގޭ މަޖިލީހުގެ އެ މުވައްޒަފު ބުންޏެވެ.

"އެހެންވެގެން ދެންމެ ވާސްޓް ސިނާރިއޯ މި ވިސްނަނީ މިއަދު އިނގޭ. އެ މީހުން ބޭނުން ވަނީ ސީން ކްރިއޭޓު ކުރަން. ކުރިން ދުވަހު ގެލަރީއަށް ވަދެފައި ވެސް، މީޑިއާއިން ގެލަރީއަށް ވަނެއްނު މީޑިއާ ބިލު. އަމީން އަނެއްކާ މީތި ސްޓްރީމް ވޭތަ އެބަ ވާހަކަ ދައްކާ އިރުގައި،"

މި ލައިވްސްޓްރީމް ވަނީ މަޖިލީހުގެ ޔޫޓިއުބް ޗެނަލްތަކުން ޑިލީޓުކޮށްފަ އެވެ. ނަމަވެސް އަދަދު އިން ވާނީ މި ލައިވް ސްޓްރީމްގެ ރެކޯޑުކޮށްފަ އެވެ.

މަޖިލީހުގެ ކޮމިޓީގައި މި ގޮތަށް މުވައްޒަފުން ވާހަކަ ދެއްކިއިރު، މަޖިލީހުގެ ގެލަރީއަށް އެ ދުވަހު ވަން ނޫސްވެރިން އެ ތަނުގައި ތިބެ ކުރީ ހިމޭނެ އިހުތިޖާޖެކެވެ. އެއްވެސް އިރެއްގައި އެތަނުގައި ހިނގަމުންދިޔަ ޖަލްސާއަށް އުނދަގޫވާ ގޮތަށް އުޅެގެން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް މަޖިލީހުގެ ވެސް ވަނީ އަދަދު އިން ސުވާލުކުރުމުން ކަށަވަރުކޮށްދީފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު އޮތް ބައްދަލުވުމަކީ މީޑިއާ ބިލާ މެދު މަޝްވަރާކުރަން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާ ބައްދަލުކުރަން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ގިނަ ނޫސްތަކުން ބައިވެރިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް ސީދާ އަދަދެއް ކަށަވަރެއް ނުވެ އެވެ.